މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު ރިސޯޓްތަކުގެ އެނދުތައް ފުރުނު ނިސްބަތް ނުވަތަ އޮކިއުޕަންސީ ރޭޓް އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު ރިސޯޓްތަކުން އޮޕަރޭޝަނަށް ނެރެފައިވާ އެނދުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.
އެމްއެމްއޭގެ ނޮވެމްބަރުމަހުގެ "މަންތްލީ ރިޕޯޓް"ގައިވާގޮތުން މިއަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި ރިސޯޓްތަކާއި ސަފާރީތަކުގެ އޮކިއުޕަންސީ ރޭޓް ވަނީ އިތުރުވެފައެވެ. އެގޮތުން ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓް މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު ހުރީ %70.8 ގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ %66.3 ގައެވެ.
ސަފާރީތަކުގެ އޮކިއުޕަންސީ ރޭޓް މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު ހުރީ %26.6 ގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ %23.4 ގައެވެ.
މި މުއްދަތުގައި ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް ދަށްވެފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ. އެގޮތުން މިއަހަރުގެ މި މުއްދަތުގައި ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ %36.1 ގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ %40.8 ގައެވެ.
ރާއްޖޭގައި މިވަގުތު 170 ރިސޯޓާއި 860 ގެސްޓްހައުސްއާއި 150 ސަފާރީ އަންނަނީ ހިންގަމުންނެވެ. މި މުއްދަތުގައި ރިސޯޓްތަކުގެ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ ހުރީ 42،068ގައެވެ. އަދި ގެސްޓްހައުސްތަކުގެ ބެޑް ކެޕޭސިޓީ 14،503 އަދި ސަފާރީތަކުގެ ބެޑް ކެޕޭސިޓީ ހުރީ 2،909 ގައިކަމަށް މި ރިޕޯޓުން ދައްކައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.9 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %8.8 އިތުރު އަދަދެކެވެ.