ޚަބަރު

ކާރިސާތަކުގައި އެހީފޯރުކޮށްދިނުމަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ


ރާއްޖޭގެ ރަށްރަށުގައި މިއަހަރުގެ މިހާތަނަށް ހިނގާފައިވާ ބައެއް ޙާދިސާތަކާއި ކާރިސާތަކުގައި ޙާލުގައިޖެހުނު މީހުންނަށް އެހީތެރިވެދެއްވުމަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަކުރައްވައިފިއެވެ. މިއީ ރަށްރަށުގައި ހިނގި އަލިފާނުގެ ޙާދިސާތަކުގައި ލިބުނު ގެއްލުމަށް ވެދެއްވި އެހީއާއި ގެއްލުން ލިބުނު މީހުންނަށް ވަގުތީގޮތުން ހަމަޖައްސަވައިދެއްވި ޟަރޫރީ ކަންކަމަށާއި، ވާރޭވެހުން މަދު މޫސުމުގައި ފެނަށްޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދެއްވުމަށް ވެދެއްވި އެހީއަށް ކުރެވިފައިވާ ހޭދައެވެ. މި ފައިސާގެ ތެރޭގައި ފެންބޮޑުވެގެން ގެއްލުން ލިބުނު ފަރާތްކަށް ސަރުކާރުން ދެއްވާ ފައިސާގެ އެހީއެއް ނުހިމެނެއެވެ.

ރާއްޖޭގެ ރަށްތައް އެކިހިސާބަށް ބެހިފައިވާގޮތުންނާއި އެނޫންވެސް ސަބަބުތަކާހުރެ ޢާންމުކޮށް ތިން ވައްތަރެއްގެ ޙާދިސާތަކާއި ކާރިސާތައް ދަނީ ކުރިމަތިވަމުންނެވެ. އެއީ އުދަ އެރުވުމުގެ ސަބަބުން ނުވަތަ ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމާއި، އިރުވައި މޫސުމުގައި ބޯފެނަށް ޖެހުމާއި، އަލިފާނުގެ ޙާދިސާތަކާއި ކާރިސާތައް ހިނގުމެވެ. އިރުވައި މޫސުމުގައި ފެނަށް ޖެހިގެން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިއަހަރު މިހާތަނަށް 88 ރަށަކަށް ބޯފެން ފޯރުކޮށްދެއްވާފައިވެއެވެ. އަލިފާނުގެ ބޮޑެތި ދެތިން ކާރިސާ ހިނގާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއެވެ. އެސެންޓަރު ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި ޑިފެންސް މިނިސްޓަރުގެ ނާއިބު ފާޠިމަތު ތަސްނީމް ވިދާޅުވީ، ކުރިން ފެންބޮޑު ނުވާ ރަށްރަށުގައިވެސް މިހާރު ޢާންމުކޮށް ފެންބޮޑުވާކަން އެސެންޓަރަށް ފާހަގަކުރެވިފައި ވާކަމަށެވެ. އެގޮތުން ޢާއްމުގޮތެއްގައި ރަށްރަށުގައި ފެންބޮޑުވަނީ، މިހާރު ވާރޭވެހޭ ޕެޓާންއަށް އައިސްފައިވާ ބަދަލުތަކުން ކަމަށާއި، އެސެންޓަރުން ބެއްލެވި ބެއްލުވުމުން ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި އެއްތަންކޮޅަކަށް އެތައް ގަޑިއިރެއްވަންދެން ބޯކޮށް ވާރޭވެހި ފެންބޮޑުވާކަން ފާހަގަކުރެވިފައިވަކަމަށެވެ. ތަސްނީމް ވިދާޅުވީ، ރަށް ބޮޑުކުރުމުގެ ގޮތުން ހިންގާ ބިން ބޮޑުކުރުމުގެ މަޝްރޫޢުގެ ސަބަބުން، އެ ހިއްކި ސަރަޙައްދު ރަށުގެ ގުދުރަތީ ސަރަޙައްދަށްވުރެ އުސްވުމުން މިފަދަ ފެންބޮޑުވުމުގެ ކާރިސާތައް ހިނގާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.އަލިފާނުގެ ކާރިސާތައް ޢާންމުގޮތެއްގައި ހިނގާކަން ފާހަގަކުރެވިފައިވަނީ، ވިޔަފާރި މުދާ ބަހައްޓާފައި ހުންނަ ގުދަންތަކުގައާއި، ބިދޭސީން ތިބޭ ތަންތަނުގައި ކަމަށް ތަސްނީމް ވިދާޅުވިއެވެ. އަލިފާނުގެ މިފަދަ ކާރިސާތަކުގެ ސަބަބުން ފެންބޮޑުމުގެ ކާރިސާތަކާ ޚިލާފަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޮޑެތި ގެއްލުންތަކެއް ލިބޭކަމަށާއި، މިކަމުގެ ސަބަބުން ކައިރި ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ބިދޭސީން ތިބޭ ތަންނަނާއި ވިޔަފާރިކުރާ ތަންތަނުގައި އަލިފާނުގެ ޙާދިސާތައް ގިނަފަހަރަށް ހިނގަނީ ރައްކާތެރިކަމުގެ މިންގަނޑު ވަރަށް ބޮޑަށް ދަށްވެގެންކަމަށް ޑިފެންސް މިނިސްޓަރުގެ ނާއިބު ވިދާޅުވިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިއަހަރުގެ މިހާތަނަށް 88 ރަށަކަށް ފެން ފޯރުކޮށްދެއްވާފައިވާއިރު، ބޯފެން ފޯރުކޮށް ދެއްވުމަށް މިހާތަނަށް 10.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވާފައިވެއެވެ.