އިތުރު ގޮތެއް ފެންނަން ދެން، ސޫރިޔާގެ ސަރަޙައްދީ ރޮނގުގައި އޮންނަ ޖަބަލް އަލް-ޝައިޚް ދޫކޮށް، ޔަހޫދީ އިސްތިޢުމާރީ ފައުޖު ނުދާނެ ކަމަށް، ޔަހޫދީ ދައުލަތުގެ ނިރުބަވެރި ވެރިޔާ ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
ޔަހޫދީ އިސްތިޢުމާރީ ފައުޖުން ޖޫލާންގެ އުސް ބިމުގައި ހުންނަ ފަރުބަދައެއް ކަމަށްވާ ޖަބަލް އަލް-ޝައިޚަށް ވެރިވެގަތީ، ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވެއްޓުމާ އެކުއެވެ.
ޖަބަލް އަލް ޝައިޚް އިސްތިޢުމާރުކުރީ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ވަގުތީ ގޮތުން ކަމަށް ޔަހޫދީ ދައުލަތުން ބުނި ނަމަވެސް، ކުރިއަށް އޮތް ފިނި މޫސުމުގައި ވެސް އެ ތަނުން ނުފައިބާނެ ކަމުގެ އިޝާރާތެއް ޔަހޫދީ ދައުލަތުގެ ދިފާއީ ވުޒާރާއިން ވަނީ ދީފައެވެ.
ނަތަންޔާހޫ ވަނީ އެ ސަރަޙައްދަށް ގޮސް، ޔަހޫދީ އިސްތިޢުމާރީ ފައުޖުގެ ވެރިންނާ ބައްދަލުކޮށްފައެވެ.
"އަހަރެމެން މި ބައްދަލުވުން މި ބާއްވަނީ، އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ އެހެން އިންތިޒާމެއް ފެންނަން ދެން، މި މުޙިންމު ތަނުގައި އައިޑީއެފް ބޭތިއްބުމާ މެދު ގޮތެއް ނިންމުމުގެ ބޭނުމުގައި،" ނަތަންޔާހޫ ބުންޏެވެ.
ސޫރިޔާގެ ބިމެއް ކަމުގައިވާ ޖޫލާންގެ އުސް ބިންތަކަށް ޔަހޫދީން އަތްގަދަ ކޮށްފައި ވަނީ 1967ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައިގައެވެ. އަދި, 1981ވަނަ އަހަރު ޔަހޫދީން ވަނީ އެ ސަރަޙައްދަށް ވެރިވެގަނެ، އެއީ ޔަހޫދީންގެ ބިމެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގާފައިވާ ޢަމަލެކެވެ. ޔަހޫދީ ލަޝްކަރު ޖޫލާންގެ އުސް ބިންތަކުން ފޭބުމަށް ސޫރިޔާއިން ގޮވާލަމުން ދިޔަ ނަމަވެސް ޔަހޫދީން ދެނީ ބީރު ކަންފަތެވެ.
ޖޫލާން އުސްބިންތަކުހައި މިހާރު ވެސް ޔަހޫދީ ދައުލަތަށް ނިޞްބަތްވާ 31،000އަށް ވުރެ ގިނަ މީހުން ދިރިއުޅެއެވެ. އޭގެ އިތުރުން އެ ތަނުގައި ސޫރިޔާއަށް ނިޞްބަތްވާ ދުރޫޒުން ނުވަތަ އަލް-މުވައްޙިދުންގެ 24،000އަށްވުރެ ގިނަ މީހުން ވެސް ދިރިއުޅެއެވެ. ނަތަންޔާހޫ މިހާރު ވަނީ ޖޫލާންގެ އުސްބިންތަކުގައި ދިރިއުޅޭ ޔަހޫދީ އާބާދީ އިތުރު ކުރުމަށް އެއް މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ހުށަހަޅައި އެކަމަށް ސަރުކާރުގެ ހުއްދަ ހޯދައިފައެވެ.