ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ބޫޓާންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި


  • ބޫޓާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 1984 ވަނަ އަހަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބޫޓާންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްޔެލް ވަންޗުކްއަށާއި އެޤައުމުގެ ބޮޑުވަޒީރު ޝެރިންގ ތޮބްގޭއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ބޫޓާންގެ ޤައުމީ ދުވަހާއި ގުޅިގެން އެޤައުމުގެ ރަސްގެފާނާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ބޫޓާންގެ ރަސްގެފާނަށާއި ބޮޑުވަޒީރާއި އެޤައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރެއްވިއެވެ. އަދި އެ ދެބޭފުޅުންނަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެން، ޤައުމުގެ އަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށް ވަނީ އެދިވަޑައިގެންފައެވެ.

ބޫޓާންގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، މީލާދީން 1907 ވަނަ އަހަރު އެޤައުމުގެ ފުރަތަމަ ރަސްގެފާނު ޔުގްޔެން ވަންގްޗުކް ރަސްކަމުގެ ތަޚުތައް ވެޑުވުނު ދުވަހެވެ.

ބޫޓާނާއި ރާއްޖެއާއި ސިޔާސީ ގުޅުން ޤާއިމް ކޮށްފައިވަނީ 13 ޖުލައި 1984 ވަނަ އަހަރުއެވެ.