ދިވެހި ބަހަށާއި ޝަރުޢީ ދާއިރާއަށް ޚިދުމަތްކޮށްދެއްވާފައިވާ ޏ. ފުވައްމުލަކު، ރަނިކަ ޢަލީ ޝަރީފް އިބްރާހީމް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޢަލީ ޝަރީފް އިބްރާހީމަކީ ދިވެހިބަހުގެ އަދީބެއްކަމަށާއި ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ތަޖުރިބާކާރު ޚިދުމަތްތެެރިއެއް ކަމަށެވެ. އަދި ދިވެހި ޅެންވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 1981 ވަނަ އަހަރު އޭނާ ޙާޞިލްކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
31 އަހަރަށްވުރެ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ އެކި މަޤާމުތައް ޝަރީފް ފުރުއްވާފައިވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރައްވާފައެވެ. އަދި މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވެސް ރައީސް ދުޢާކުރެއްވިއެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
— Dr Mohamed Muizzu (@MMuizzu) December 17, 2024
އަލްމަރުޙޫމް ޢަލީ ޝަރީފް އިބްރާހީމް (ޏ.ޢަލީ ޝަރީފް) އަކީ، ދިވެހި ބަހުގެ އަދީބެކެވެ. ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ތަޖްރިބާކާރު ޚިދުމަތްތެެރިއެކެވެ. ދިވެހި ޅެންވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 1981 ވަނަ އަހަރު… pic.twitter.com/6HehDUtHmL
ޢަލީ ޝަރީފަކީ ދިވެހި ޅެންވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝާޢިރެކެވެ. ދެކުނުގެ އަތޮޅުތަކުގައި ބޭނުންކޮށްއުޅޭ ބަސްތައް ޅެންވެރިކަމުގެ ތެރެއަށް ގެންނަވައި، ރީތި ޅެންތަކެއް ޢަލީ ޝަރީފް ހަދާފައިވެއެވެ. ޅެންވެރިކަމުގެ ތަފާތު މުބާރާތްތަކުން އޭނާ ކާމިޔާބު ހޯއްދަވާފައިވެސްވެއެވެ.
ޢަލީ ޝަރީފް ނިޔާވެފައިވަނީ ޢުމުރުން 84 އަހަރުގައެވެ. އޭނާގެ ކަށުނަމާދު އޮންނާނީ މިއަދު ޢަޞްރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.