ޚަބަރު

މަޢުލޫމާތު ޢާއްމުކުރި މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްފި


ކަސްޓަމަރެއް މަޢުލޫމާތު އާއްމުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ މުވައްޒަފުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރައްވައިފިއެވެ.

ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗްގެ މެނޭޖަރަކަށް ކުރިން ހުރި ޤާސިމް އަބްދުލް ކަރީމްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުއްލަވާފައިވާއިރު އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ފައްޓަވާފައެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުއްލަވާފައިވަނީ ހުއްދަ ނޫން ގޮތެއްގައި މަޢުލޫމާތު ހޯދުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނޫން ގޮތެއްގައި މަޢުލޫމާތު އާއްމު ކުރުމުގެ ކުށުގެ ދައުވާއެވެ.

ކުރިމިނަލްކޯޓުން ވިދާޅުވީ މި މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރައްވަން ނިންމެވީ ސިއްރު މަޢުލޫމާތުތަކެއް ދައުލަތުން ހުށައަޅުއްވާފައިވާތީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އެދިވަޑައިގަތުމުގެ މަތިންކަމަށެވެ. ޤާސިމް އަބްދުލް ކަރީމް މިދިޔަ ފެބްރުއަރީމަހު ހައްޔަރުކޮށްފައިވަނީ މ.ސެސްނާ މުޙައްމަދު އައްލާމް އަބްދުލް ލަތީފްގެ ހިއްސާ އޮންނަ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން އެހެން އެކައުންޓަކަށް 5 ލައްކަ ޑޮލަރު ޓްރާންސްފަރ ކުރި ޓްރާންސެކްޝަނެއްގެ މަޢުލޫމާތު އާއްމުކުރިކަމަށް ބުނެއެވެ.