ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ރަޝިޔާއިން ހުޅަނގުގެ ދިފާޢީ އިއްތިޙާދު ނޭޓޯއާ ކުރިމަތިލާން ޖެހިދާނެ ކަމަށާއި އެ ކަމަށް ތައްޔާރުވާން ޖެހޭ ކަމަށް ރަޝިޔާގެ ދިފާޢީ ވަޒީރު އަންދްރީ ބެލޫސޮފް ވިދާޅުވެއްޖެއެވެ.
ޖުލައި މަހުގެ ތެރޭގައި ކުރިއަށް ދިޔަ ނޭޓޯގެ ސަމިޓަކާއި އެމެރިކާއާއި ނޭޓޯގެ ބައެއް މެންބަރު ޤައުމުތަކުން ގެންގުޅޭ އަސްކަރީ ސިޔާސަތުތަކާ ޙަވާލާ ދެއްވައި ބެލޫސޮފް ވިދާޅުވީ އެއީ ކުރިއަށް އޮތް ތަނުގައި ނޭޓޯއިން އަމިއްލަ އިސްނެގުމުގައި ގިނަ ކަންތައްތަކެއް ކުރާނެ ކަމުގެ ހެއްކެއް ކަމަށާއި ރަޝިޔާއިން އެ ކަމަށް ދުރާލައި ތައްޔާރުވާން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ދިފާޢީ ވުޒާރައިގެ ޙަރަކާތްތައް ބިނާކޮށްފައި ވަނީ މެދު ރާސްތާގައި ދިމާވެދާނެ ކޮންމެ ޙާލަތަކަށް ވެސް ފުރިހަމައަށް ތައްޔާރުވުމުގެ މައްޗަށް ކަމަށެވެ. އޭގެ ތެރޭގައި ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ނޭޓޯގެ ފައުޖުތަކާ ސީދާ ކުރިމަތިލާން ޖެހިދާނެ ޙާލަތަކަށް ތައްޔާރުވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މަތީ ފަންތީގެ އަސްކަރީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބެލޫސޮފް ވަނީ ކުރިމަގުގައި ކުރިމަތިލާން ޖެހިދާނެ އަސްކަރީ ހަމަނުޖެހުންތަކަށް ރިޢާޔަތްކޮށް އަވަސް ގޮތަކަށް އެ ޤައުމުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ފާހަގަ ކުރައްވައިފައެވެ. އެމެރިކާއިން އެ ޤައުމުގެ ނިއުކުލިއަރ ބާރުވެރިކަން އިތުރަށް ޒަމާނީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެމެރިކާގެ މިސައިލުތަކަށް ޚާއްޞަ ދިފާޢީ މަރުކަޒެއް ޕޮލެންޑުގައި ޤާއިމު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ހަނގުރާމައިގެ ޙާލަތަކަށް ނޭޓޯއިން ތައްޔާރުވަމުންދާ ދިޔުމާއި 2026ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ މިސައިލުތަކެއް ޖަރުމަނުވިލާތުގައި ޤާއިމު ކުރުމަށް ނިންމާފައިވާ ނިންމުމަކީ ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ކަމަށް ބެލޫސޮފް ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެންމެ އަށް މިނެޓުން ރަޝިޔާއާ ހަމައަށް ފޯރާ ހައިޕަސޮނިކް މިސައިލެއް އެމެރިކާއިން އަވަސް ގޮތަކަށް އީޖާދުކުރުން އެކަށީގެންވާ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.