ދެކުނު އިރުމަތީ އޭޝިޔާގެ އިއްތިޙާދު، އާސިއާންގެ ޗެއަރގެ މަޤާމާ އަންނަ އަހަރު ޙަވާލުވެވަޑައިގަންނަވާ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމަށް ލަފާ އަރުވާ ޚާއްޞަ މުޝީރުގެ މަޤާމަށް ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު އަދި ވަރުގަދަ ސިޔާސީ ޝަޚުސިއްޔަތު ތަކްސިން ޗިނަވާތު ޢައްޔަނު ކުރައްވައިފިއެވެ.
އަންވަރު އެކަން އިޢުލާނު ކުރެއްވީ ތައިލެންޑުގެ މިހާރުގެ ބޮޑުވަޒީރު އަދި ތަކްސިންގެ އެންމެ ހަގު ދަރިކަންބަލުން، ޕޭޓޮންގޓާން ޗިނަވާތު މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ކަމަނާއާ އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު އަންވަރު ވިދާޅުވީ ތަކްސިން ފަދަ ތަޖުރިބާކާރު ސިޔާސީ ވެރިއެއްގެ ލަފާ އޭނާއަށް ވަރަށް މުހިންމު ކަމަށެވެ. އަންވަރު ވިދާޅުވީ އާސިއާނުގެ ހިންގުމާ އޭނާ ޙަވާލުވެވަޑައިގެން ހުންނަވާ ދުވަސްވަރު ތަކްސިން މަސައްކަތް ކުރައްވަމުން ދާނީ އާސިއާނުގައި ހިމެނޭ 10 ޤައުމުގެ މުޝީރުންނާ އެކު ނުރަސްމީ ހައިޞިއްޔަތަކުން ކަމަށެވެ.
އުމުރުން 75 އަހަރުގެ ބިލިއަނަރު، ތަކްސިނަކީ ވޭތުވެދިޔަ ވިއްސަކަށް އަހަރު ތައިލެންޑުގެ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވި އެންމެ ނުފޫޒުގަދަ އެއް ބޭފުޅާއެވެ. އޭނާގެ ނުފޫޒުން އެ ޤައުމުގެ ސަރުކާރުތައް ބައްޓަން ކުރުމުގައި ބޮޑު ދަޢުރެއް ޢަދާ ކުރެއެވެ. އަންވަރު އާސިއާނާ ޙަވާލުވެވަޑައިގެން ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ ބެލެވޭ މިޔަންމާގެ ހަމަނުޖެހުންތަކުގައި ޞުލްޙައިގެ ވާހަކަތަކުގެ މެދިވެރިއަކަށް ވުމަށް ތަކްސިން ޝައުޤުވެރިކަން ފައުޅު ކުރައްވާފައިވާ ކަމަށް ތައިލެންޑުގެ މީޑިޔާތަކުން ބުނެއެވެ.
2011ވަނަ އަހަރު ތައިލެންޑުގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ތަކްސިންގެ ވެރިކަން ވަނީ ދަޢުރު ފުރިހަމަ ނުކުރެއްވެނީސް 2006ވަނަ އަހަރުގެ ތެރޭގައި އަސްކަރީ ބަޣާވާތަކުން ނިމުމަކަށް ގެނެސްފައެވެ. އެއަށްފަހު އޭނާއާ ދެކޮޅަށް އުފުލާފައިވާ ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރެއްވުމުގެ ތުހުމަތުތަކަށް ފިއްލަވައި ފަނަރަ އަހަރަށް ވުރެ ގިނަ ދުވަހު ޤައުމުން ބޭރުގައި އަމިއްލައަށް އަރުވައިލެވިގެން ހުންނެވިއެވެ. 2023ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އޭނާ ޤައުމަށް އެނބުރި ވަޑައިގަތީ އޭނާގެ ފިޔު ތައި ޕާޓީގެ ސެއްތާ ތަވީސިން ބޮޑުވަޒީރު ކަމުގެ މަޤާމަށް އިންތިޚާބުވުމާ ގުޅިގެންނެވެ. ޤައުމަށް އެނބުރި ވަޑައިގަތުމާ އެކު އޭނާއާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތައް ސާބިތުވެ 8 އަހަރަށް އޭނާ ޖަލަށްލުމަށް ކޯޓުންވަނީ ހުކުމު ކޮށްފައެވެ. ނަމަވެސް ތައިލެންޑުގެ ރަސްގެފާނު ވަނީ އެ ޙުކުމް އެއް އަހަރު ދުވަހަށް ކުރުކޮށްދެއްވައިފައެވެ. ޙުކުމް ތަންފީޛު ކުރުމަށް ތަކްސީން ޖަލުގައި ހޭދަ ކުރައްވައިފައި ވަނީ ކުޑަ ވަގުތުކޮޅެކޭވެސް ބުނެވި ދާނެއެވެ. ޞިއްޙީ ޙާލަތަށް ރިޢާޔަތް ކޮށް ކަމަށް ބުނެ ހަމަ އެ ދުވަހު އޭނާ ވަނީ ހަސްފަތާލަކަށް ބަދަލު ކޮށްފައެވެ. ހަސްފަތާލުގައި ހަ މަސްދުވަސް ހޭދަ ކުރެއްވުމަށް ފަހު މިދިޔަ ފެބްރުވަރީ މަހު އޭނާ ވަނީ ޕެރޯލުގެ ދަށުން ދޫކޮށްލައިފައެވެ.
ސިޔާސީ މައިދާނާ އަލްވަދާޢު ކިޔުއްވާފައިވާ ކަމަށް ތަކްސިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް އޭނާއާ އިދިކޮޅު ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި ދަރިކަނބަލުންގެ ސަރުކާރުގައި ގޮތް ނިންމަވަނީ ތަކްސިންނެވެ. އޭނާގެ ބާނީ ކަމުގެ ދަށުން އުފައްދަވާފައިވާ ފިއު ތައި ޕާޓީގައި މުހިންމު ދަޢުރެއް އޭނާ ޢަދާ ކުރައްވަމުން ދާއިރު ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވަރަށް ގިނައިން އޭނާ ވާހަކަ ވެސް ދައްކަވައެވެ.