ޚަބަރު

ޓީ.އޯ.ވައި.ޕީ އެވޯޑް: މިއަހަރު 10 ދާއިރާއަކުން


ޖޫނިއަރ ޗެމްބަރސް އިންޓަރނޭޝަނަލް، ޖޭސީއައި އަކީ ގާތްގަނޑަކަށް 120 ވަރަކަށް ޤައުމުގެ މެދުގައި އުފެދިގެން ހިންގަމުން އަންނަ ބައިނަލްއަޤްވާމީ އަމިއްލަ ޖަމްޢިއްޔާއެކެވެ. މިޖަމްޢިއްޔާއިން ދިނުމަށް ހަމަޖެހިފައިވާ ޓެން އައުޓްސްޓޭންޑިންގ ޔަންގ ޕާރސަންސް، ޓީ.އޯ.ވައި.ޕީ އެވޯޑަކީ ރާއްޖޭގެ ފެންވަރުގައި މުޖުތަމަޢަށް އެންމެ ރަގަޅު ޚިދުމަތްކޮށްދެމުން އަންނަ 10 ފަރާތްތަކަށް ދެމުން އަންނަ އެވޯޑެކެވެ. ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު ދެވޭ އެވޯޑަށްވެސް ޢުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ޒުވާނުންނަށް ކުރިމަތިލެވޭނެއެވެ. މިއެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ 10 ކެޓަގަރީއަކަށް ބަހާލައިގެނެވެ.

މިގޮތުން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ވިޔަފާރި އާއި އިޤްތިޞާދީ ދާއިރާ، ސިޔާސީ، ޤާނޫނީ ދާއިރާ، ކުޑަކުދިންގެ ޙައްޤުތަކާއި، ދުނިޔޭގެ ހަމަޖެހުމާއި، އިންސާނީ ޙައްޤުގެ ދާއިރާ، އެކަޑަމިކް ލީޑަރޝިޕް، ކަލްޗަރަލް އެޗީވްމަންޓް، ތިމާވެށީގެ ދާއިރާ، އިންސާނީއެހީ އާއި ވޮލަންޓްރީ ލީޑަރޝިޕް، ސައިންޓިފިކް ޓެންކޮލޮޖީ ތަރައްޤީކުރުމުގެ ދާއިރާއާއި، ޕާރސަނަލް އިމްޕްރޫވްމަންޓް އަދި މެޑިކަލް އީޖާދުތައް މިދާއިރާތަކުގެ ތެރޭގައި ހިމެނެއެވެ.

މިއަހަރުގެ ޓީ.އޯ،ވައި.ޕީ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ޖުލައިމަހުގެ ނިޔަލަށް ވަނީ ހުޅުވާލަފައެވެ. މިއެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވާނީ މިކަމަށްޓަކައި އެކުލަވާލާ މިނިވަން ޕެނަލަކުންނެވެ. ޖޭސީއައި ރާއްޖޭގެ ގޮފީގެ ރައީސް، ޔާމީން އާދަމް ވިދާޅުވީ މި އެވޯޑަށް ހޮވޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކަށް ބައިނަލްއަޤްވާމީ ޓީއޯވައިޕީ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެެވެ. މިއެވޯޑް ދިނުމުގެ ޙަފްލާ ސެޕްޓެމްބަރު މަހުގެތެރޭގައި ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށް ޖޭސީއައި މޯލްޑިވްސް އިން މަޢުލޫމާތުދެއެވެ. ޓީއޯވައިޕީ އެވޯޑްގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ޕީއެސްއެމްއެވެ.