ޚަބަރު

ސަރުކާރުގެ އަމާޒު:އެއްވެސް ކުއްޖަކު ބާކީނުކޮށް އުނގަންނައިދިނުން


ރާއްޖޭގެ ސްކޫލު ތަޢުލީމުގެ ނިޒާމް އިނގިރޭސި މީޑިއަމަށް ބަދަލުވެފައިވަނީ 1961 ވަނަ އަހަރުއެވެ. އެހެންނަމަވެސް ސްކޫލް ތަޢުލީމު ޢާއްމުވެފައިވަނީ 1980ގެ ތެރޭގައެވެ. މިވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ސްކޫލުތަކުގެ އުނގެނުމާއި އުނގަންނައިދިނުމުގެ ކަންކަން ރޭވި އިންތިޒާމްތައް ހަމަޖައްސަމުން އައިސްފައިވަނީ،  ވަރަށްބޮޑަށް އެކަޑެމިކް ކަންތައްތަކަށް އަމާޒުކުރައްވައި، އިމްތިޙާނުތަކުން ކުދިން ރަގަނޅު ނަތީޖާ ހޯދުމުގެ ވާދަވެރި މަސައްކަތެއްގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ކާމިޔާބުކަމާއެކު ސްކޫލު ތަޢުލީމު ގިނަ ޢަދަދެއްގެ ކުދިން ވަނީ ފުރިހަމަކޮށްފައެވެ.

ދިވެހި މުޖުތަމަޢަކީ ތަޢުލީމީ މުޖުތަމަޢަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސްކޫލްތައް ޤާއިމުކުރައްވައި، އެކި ފެންވަރުގެ ތަޢުލީމު ދަނީ ފޯރުކޮށްދެމުންނެވެ. މިގޮތުން އަތޮޅުތެރޭގެ 199 ސްކޫލެއްގައި ކިޔަވައިދެއްވަމުން އަންނައިރު، މާލޭގެ 14 ސްކޫލަކާއެކު މުޅި ޖުމްލަ 213 ސްކޫލްގައި އަންނަނީ ކިޔަވައިދެއްވަމުންނެވެ. މީގެތެރޭގައި އަމިއްލަ ފަރާތްތަކުން ހިންގާ 8 ސްކޫލެއް ހިމެނޭއިރު، ކޮމިއުނިޓީ ސްކޫލްގެ ގޮތުގައި 2 ސްކޫލެއް ހިމެނެއެވެ.

img:http://s2.psmnews.mv/images/660x400/6343.jpg|އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް / ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ސްކޫލްތަކުގައި ފަސްދޮޅަސް ހަތަރުހާހަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ޙާޞިލްކުރަމުންނެވެ. މީގެތެރޭގައި ޕްރައިމަރީ ގްރޭޑްތަކުގައި ސާޅީސް ތިންހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލްކުރެއެވެ. އަދި ސެކަންޑްރީ ގްރޭޑްތަކުގައި ސަތާރަހާހަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާއިރު، ހަޔަރ ސެކަންޑްރީގައި ހަތަރުހާސް ދަރިވަރުން އަންނަނީ ތަޢުލީމު ޙާޞިލްކުރަމުންނެވެ.

ތަހުޒީބު މުޖުތަމަޢަކަށް ބޭނުންވާ ތަރުބަވީ ތަޢުލީމު ލިބިދިނުމަށްޓަކައި ތަޢުލީމީ ނިޒާމުގެތެރޭގައި ހިމެނޭ އެންމެ ކުއްޖަކުވެސް ބާކީނުކުރެއްވުމުގެ ސިޔާސަތުގެ ދަށުން އެޑިޔުކޭޝަން މިނިސްޓްރީން ދަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސައްކަތްތައްވެސް އަމާޒުކޮށްފައިވާނީ އެންމެ ކުއްޖަކުވެސް ބާކީނުކޮށް، ކޮންމެ ކުއްޖަކަށްވެސް ބޭނުންވާ ތަޢުލީމާއި، ތަމްރީނާއި، ތަރުބިއްޔަތު ދިނުމުގެ މައްޗަށެވެ. އެގޮތުން ކޮންމެ ޒުވާނަކީ ހުނަރުވެރި ޒުވާނެއްކަމުގައި ހެދުމާއި، މަތީތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން ވަޞީލަތްހަމަ، މަޤްބޫލު ސްކޫލުތަކެއް ޤާއިމުކުރުމުގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.