ޚަބަރު

ތިމާވެށި ރައްކާތެރިކުރުމަށް އިންސާފުވެރި މޫސުމީ ސިޔާސަތެއް މުހިންމު: ނައިބު ރައީސް


  • ދޮށީގެ މަސްވެރިކަމުގެ ސަބަބުން، ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްދޭކަން ފާހަގަކުރެއްވި

ދުނިޔެ ހޫނުވާ މިންވަރު ކުޑަކޮށް، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށްޓަކައި، ހުރިހާ ޤައުމުތަކުގެ ވެއްޓަށް ފެތޭ، އިންސާފުވެރި މޫސުމީ ސިޔާސަތެއް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ތިންވަނަ ބައްދަލުވުން އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ފޯރަމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ، "ކަނޑުގެ ދަރީން"ގެ ގޮތުގައި ދިވެހިންގެ ޝަޚްޞު ބިނާކުރުމުގައްޔާއި، ދިވެހިންގެ އިޤްތިޞާދު ބައްޓަންކުރުމުގައި ކަނޑުގެ ދިރުންތައް އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި، ފަތުރުވެރިކަމާއި މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އާމްދަނީގައި އަސާސީ ހިއްސާދާރުންކަން ފާހަގަކުރައްވާފައެވެ. އަދި ޤަވާއިދާ ޚިލާފަށް ކުރާ އައި.ޔޫ.ޔޫ (އިލީގަލް، އަންރިޕޯޓަޑް އެންޑް އަންރެގިއުލޭޓަޑް) މަސްވެރިކަމުން ދިވެހި މަސްކަނޑުތަކުގެ ސްޓޮކް ނުރައްކަލަށް ހުށަހެޅި، ދިވެހި މަސްވެރިންގެ އާމްދަނީ ހިރާސްވެ، ކާބޯތަކެތީގެ ރައްކާތެރިކަމަށްވެސް އަސަރުކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނައިބްރީސް ވަނީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމުގެ ސަބަބުން، ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްދޭކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ދެމެހެއްޓެނިވި މަސްވެރިކަމަށްޓަކައި ޤާނޫނުގައި މަޖުބޫރުކުރާ ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ނާއިންސާފު މިންވަރަކަށް ތަޙައްމަލުކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނައިބު ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް އަހުލުވެރިވެ ހޭނުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ރާއްޖެއިން މަސައްކަތްކުރަމުންދަނީ، މަދު ވަޞީލަތްތަކެއް ބޭނުންކޮށްގެންކަމަސެވެ.

ބްލޫ އިކޮނޮމީގެ އެހީގައި ދެމެހެއްޓެނިވި ތަރައްޤީއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަހައްމިއްޔަތުކަންދެއްވާކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ގުޅުން ފާހަގަކުރައްވައި، ބަރޯސާވެވޭ ބައިވެރިއެއްގެ ގޮތުގައި ޗައިނާއިން އަދާކުރާ ދައުރަށްޓަކައި ޝުކުރު އަދާކުރައްވަމުންނެވެ.