ޚަބަރު

ޔަހޫދީންގެ ޙަމަލާތައް ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިންނާއި ނޫސްވެރިންނަށް


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ފާއިތުވި 24 ވަަރަކަށް ގަޑިއިރުގެ ތެރޭގައި ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53އަށް އުފުލިއްޖެއެވެ. ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ޞިއްޙީ ޚިދުމަތްތެރިންނާއި، ނޫސްވެރިންނާއި ގިނަ އަދަދެއްގެ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ.

ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023 އޮކްޓޫބަރު 7ވަނަ ދުވަހުއެވެ. އެއީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން އެ ދުވަހު ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ރަށްތަކަށް ދީފައިވާ ޖިހާދީ ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން ފެށި ޖަރީމާތަކެކެވެ. ޙަމާސްގެ މުޖާހިދުން ޔަހޫދީންނަށް ކުއްލި ޙަމަލާތަކެއް ދީފައި ވަނީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެންނެވެ.

ނުޞަޔިރާތުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއަށް ބޮންއެޅުން

ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަލް-ނުޞަޔިރާތު ރެފިއުޖީ ކޭމްޕަށެވެ. އޭގެ ތެރެއިން އެއް ޙަމަލާ އަމާޒު ކޮށްފައި ވަނީ، މަދަނީ ސަލާމަތާ ބެހޭ އިދާރާގެ މައި އޮފީސް ހިންގަމުންދާ އިމާރާތަކަށެވެ.

އެ ޙަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އަލް ޖަޒީރާގެ ނޫސްވެރިއެއް ކަމުގައިވާ އަޙްމަދު އަލް-ލަވްޙާއި، ނުޞަޔިރާތުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާގެ ވެރިޔާ ނިޟާލް އަބޫ ޙުޖަޔިރާގެ އިތުރުން އެ ތަނުގައި އެ ވަގުތު ތިބި އިތުރު ހަތަރު މީހުން ހިމެނެއެވެ. އެއަށް ފަހު، ޔަހޫދީ ފައުޖުން ވަނީ ނުޞަޔިރާތުގައި ޢާންމުން ދިރިއުޅޭ ގެއަކަށް ބޮންއަޅައި، އިތުރު ފަސް މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި މައުސޫމު ކުޑަކުދިން ވެސް ހިމެނެއެވެ.

"ނުޞަޔިރާތު ކޭމްޕުގައި ހުންނަ މަދަނީ ސަލާމަތާ ބެހޭ އިދާރާގެ މައި މަރުކަޒަށް ބޮން އަޅާފައި ވަނީ އެ ތަނުގައި ގިނަ އަދަދެއްގެ ބަޔަކު މަސައްކަތް ކުރަމުން ދިޔަ ވަގުތު. އެއީ 24 ގަޑިއިރު މީހުން މަސައްކަތް ކުރަމުންދާ އޮފީހެއް،" އެ އޮފީހުގެ އިސް އޮފިޝަލެއް ކަމުގައިވާ ޛަޒީ ޢިމާދުއްދީން ވިދާޅުވިއެވެ.

ޣައްޒާގެ އުތުރުގައި ހިންގަމުންދާ ޤަތުލުޢާންމު ފުޅާކުރުން

ޣައްޒާގެ އުތުރުގައިވާ ރަށްތަކަށް ދެމުންދާ ޙަމަލާތައް ވެސް ޔަހޫދީ ފައުޖުން ދަނީ އިތުރު ކުރަމުންނެވެ. އަދި، އެ ސަރަޙައްދުގެ ރަށްތަކުގައި ހިންގަމުންދާ ޤަތުލުޢާންމު އިތުރަށް ފުޅާ ކުރަމުންނެވެ. ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޣައްޒާ ސިޓީ، ބަޔިތު ލާޙިޔާ، ބަޔިތު ހާނޫން އަދި ޖަބާލިޔާ ރެފިއުޖީ ކޭމްޕަށެވެ. އަދި، ބަޔިތު ހާނޫންގައި ހުންނަ ޚަލީލް ޢުވޫޟާ މަދަރުސާއަށް ރޭޑުޖަހައި، އެ ތަނުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ވަނީ ޤަތުލުޢާންމު ހިންގާފައެވެ.

ޣައްޒާ ސިޓީއަށް ދީފައިވާ އެއް ޙަމަލާ އަމާޒު ކޮށްފައި ވަނީ، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބަރު ކޮށްފައިވާ އުޅަނދެއް ކައިރީގައި އަމަން ބަލަހައްޓަން މަސައްކަތް ކުރަމުން ދިޔަ ޙަމާސްގެ މުޖާހިދުންނަށެވެ. އެ ޙަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ސާފެއް ނޫނެވެ. ނަމަވެސް، ޣައްޒާގެ އުތުރުގެ އެހެން ރަށްތަކަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 11 މީހުން ޝަހީދު ކޮށްލާފައިވެއެވެ. އޭގެ ތެރެއިން ނުވަ މީހުން ޝަހީދު ކޮށްލާފައި ވަނީ ބަޔިތު ލާޙިޔާއާއި، ބަޔިތު ހާނޫން އަދި ޖަބާލިޔާއަށް ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައެވެ.

ޣައްޒާގެ އުތުރުގެ ރަށްތަކަށް ޔަހޫދީ ދެމުންދާ ޙަމަލާތަކުގެ މަޤުޞަދަކީ، އެ ސަރަޙައްދުގައި ބަފަރ ޒޯނެއް ޤާއިމު ކުރުން ކަމުގައި ޣައްޒާގެ ރައްޔިތުން ޤަބޫލު ކުރެއެވެ. އަދި، އެއީ ޣައްޒާގެ މުސްލިމުންގެ ދަރިފަސްކޮޅު ނައްތައިލުމުގެ ގޮތުން ހިންގަމުންދާ ޤަތުލުޢާންމެއްގެ ގޮތުގައި ޣައްޒާގެ ރައްޔިތުންގެ އިތުރުން މުސްލިމް ދުނިޔެއާއި ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެސް ޤަބޫލު ކުރެއެވެ.

ޣައްޒާގެ ދެކުނުގައި އޮތް ރަށްތަކަށް ވެސް ޔަހޫދީ ފައުޖުން ވަނީ ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. އޭގެ ތެރެއިން، ޚާން ޔޫނިސަށް ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 20އަށް އުފުލިފައެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައި ވަނީ ގެދޮރު ނެތިކޮށްލާފައިވާ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި، ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙަށް ދިން ޙަމަލާތަކެއްގައި ވެސް ޔަހޫދީ ފައުޖުން ވަނީ ދެ މީހަކު ޝަހީދު ކޮށްލާފައެވެ.

އަސީރުން މިނިވަން ކުރުމާ ގުޅޭ މަޝްވަރާތައް

ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނެސް، ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކުގައި ޤަޠަރާއި މިޞްރުން ދަނީ މެދުވެރިންގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. ޢުދުވާން ހިންގުމުގައި ޔަހޫދީންނަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ، އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިން ވެސް ދަނީ މަޝްވަރާތަކުގައި ނަމެއްގައި ބައިވެރިވަމުންނެވެ.

ނަމަވެސް، ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ މަޝްވަރާތަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޢުދުވާން ހުއްޓުވުމާ ގުޅޭ ގޮތުން ޙަމާސްގެ މުޖާހިދުންނާއި ނިރުބަވެރި ޔަހޫދީންނާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމުގައެވެ. ނަމަވެސް، އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލެއް ނުކުރެއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 44,976އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 106,759 މީހުން ޒަޚަމު ކޮށްލާފައެވެ.