ޚަބަރު

ބެންކުގެ ކުރީގެ މުވައްޒަފު އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި


ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ މަޢުލޫމާތު އާއްމުކުރި މައްސަލައިގައި ހައްޔަރުކުރި އެތަނުގެކުރީގެ މުވައްޒަފު އަދިވެސް ހުރީ ފުލުހުންގެ ބަންދުގައިކަމަށް މޯލްޑިވްސް ޕޮލިސްސަރވިސްއިން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވެފައި މިވަނީ އޭނާ ދޫކޮށްލުމަށް ހައިކޯޓުން އަމުރުކޮށްފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދަނިކޮށެވެ.

ފުލުހުން ވިދާޅުވީ ބީއެމްއެލްގެ ކަސްޓަމަރުންގެ މަޢުލޫމާތު ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޅ. ނައިފަރު، ނިކަގަސްދޮށުގޭ ޤާސިމް ޢަބްދުލް ކަރީމް ދޫކޮށްލުމަށް ހައިކޯޓުން އަމުރު ނުކުރައްވާކަމަށެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިދިޔަމަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުންކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން އިއްޔެ ޙުކުމްކުރީ 20 ވަނަ ދުވަހުގެ އަމުރު ބާތިލު ކުރުމަށްކަމަށެވެ.

އަދި އެޙުކުމް ހައިކޯޓުން ކުރިއިރު ޤާސިމް ޢަބްދުލް ކަރީމް ހުރީ ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހޯދުމާއި އެމަޢުލޫމާތު ހުއްދަނޫން ގޮތުގައި ހާމަކުރުމުގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައިކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެމައްސަލައިގައި ކްރިމިނަލްކޯޓުން މިދިޔަ ބުދަދުވަހުވެސް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދެއްވާފައިކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލަންޖެހޭ އެއްވެސް ޙާލަތެއް ނާންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ޤާސިމް ޢަބްދުލްކަރީމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަޙްޤީޤު ނިންމައި ދަޢުވާކޮށްދިނުމަށް އެދި މިދިޔަމަހުގެ 31 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށާއި، އަދި ޕީޖީ އޮފީހުން އެމައްސަލަ މިހާރު ކޯޓަށް ފޮނުވާފައިވާކަމަށެވެ.

ޤާސިމް އަބްދުލްކަރީމް އާއްމުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ ބޭންކު އެކައުންޓްތަކެއްގެ މަޢުލޫމާތުކަމަށް ފުލުހުން ވިދާޅުވެއެވެ.