ޗައިނާ ސަރުކާރުން ގެންގުޅުއްވާ "ވަން-ޗައިނާ" ޕްރިންސިޕަލްއަށް އިޙްތިރާމްކުރުމަކީ ދިވެހިރާއްޖެއާއި ޗައިނާއާދެމެދު އޮތް ޒަމާންވީ ގުޅުމުގެ ތަނބުކަމުގައި ދެކެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމްގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ލީޑަރުންނާއި ޗައިނާ ސަރުކާރުގެ އޮފިޝަލުންނާއެކު ބޭއްވެވި ގްރޫޕް ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުންނެވެ.
ނައިބު ރައީސްގެ ތަޤުރީރުގައި ވދާޅުވީ ޗައިނާއަކީ އަބަދުވެސް ދިވެހިރާއްޖޭއިން އަބަދުވެސް އިތުބާރުކުރާ ރަޙުމަތްތެރި ޤައުމެއް ކަމަށެވެ. އަދި ރާއްޖެއިން "ވަން-ޗައިނާ" ސިޔާސަތާއި މެދު ގެންގުޅޭ ދެމެހެއްޓެނިވި އިލްތިޒާމަކީ ނުވަތަ އެ ސިޔާސަތަށް އިޙްތިރާމްކުރުމަކީ ދެ ޤައުމުގެ ގުޅުން ދެމެހެއްޓުމުގެ މައިގަނޑު ތަނބުކަމުގައި ދެކެވަޑައިގަންނަވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ތިންވަނަ ބައްދަލުވުމަކީ، ދެ ޤައުމުގެ މެދުގައި އެއްބާރުލުމާއި ތަޖުރިބާ ހިއްސާކުރުމަށް ލިބުނު މުހިންމު ފުރުޞަތެއްކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީ.ޕީ.ޕީ.ސީ.ސީ)ގެ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން ވޯންގް ޔޮންގްއެވެ.
މި ބައްދަލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗައިނާ ސަރުކާރުގެ އޮފިޝަލުންނާއި ބޭރުގެ މުހިންމު މެހެމާނުންނާއެކު ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.
ނައިބު ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި ބައިވެރިވެވަޑައިގަތުމަށްކުރައްވާ ދަތުރުފުޅެކެވެ. ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ފޯރަމަކީ ރާއްޖެއިން ކޯ-ހޯސްޓްކުރާ ފޯރަމެކެވެ. ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، "ދަ ފިއުޗާ އޮފް ދަ ބްލޫ އިންޑިއަން އޯޝަން ޑިވެލޮޕްމަންޓް: ޕްރެކްޓިސް އޮފް ދަ ގްލޯބަލް ސައުތު" މި ޝިއާރުގެ ދަށުންނެވެ.