ރާއްޖޭގެ ރުއްތަކަށް ގެންލުންދޭ ސޫފާސޫފީގެ ތެރެއިން އެންމެ ނުރައްކާތެރި ކޮކޮނަޓް ހިސްޕިޑް ބީޓްލް ނަމަކަށް ކިޔާ ރުކުމަޑި ކޮންޓްރޯލްކުރުމަށް ނެޗުރަލް އެނެމީ ލެބޯޓަރީއެއް ޤާއިމުކުރުމުގެ މަސައްކަތްތައް ފަށައިފިއެވެ.
ރާއްޖޭގައި މި ފަދަ ލެބޯޓަރީއެއް ޤާއިމްކުރުމުގެ މަސައްކަތަކީ ރަޢީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން ކުރެވެމުންދާ މަސައްކަތެކެވެ.
އެ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ރުކުމަޑި ކޮންޓްރޯލްކުރުމަށް ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ސަރުކާރުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ކޮކޮނަޓް ހިސްޕިޑް ބީޓްލްއަށް ހަމަލާދޭ ޕެރެސިޓޮއިޑް އާލާކޮށް ގިނަކުރުމަށް ޚާއްޞަ ލެބޯޓްރީއެއް ޤާއިމްކޮށްދީ، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކޮށްދިނުމަށް ޚާއްޞަ މަޝްރޫޢެއް ހިނގާނެކަމަށެވެ. އެގޮތުން މި މަސައްކަތް ކުރުމަށް ޗައިނާގެ މައި ސަރުކާރުން ހަވާލުކޮށްފައިވަނީ ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް)އާއި ޙަވާލުކޮށްފައެވެ.
ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ 4 ޕްރޮފެސަރުން މިމަހުގެ 11 ވަނަ ދުވަހު ވަނީ ދިވެހިރާއްޖެއަށް ވަޑައިގެންފައެވެ. ފަންނީ މާހިރުންގެ މިޓީމުން ރާއްޖެއަށް ކުރާ މިދަތުރުގެ މަޤްޞަދަކީ ރާއްޖޭގައި ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށް ނެޗުރަލް އެނެމީ ލެބޯޓަރީއެއް ޤާއިމުކުރުމަށްޓަކައި ހަދަންޖެހޭ އެންމެ ފަހުގެ ދިރާސާތައް ހެދުމެއެވެ. އަދި ލެބޯޓްރީ ހަދަން ކަނޑައަޅާ ސަރަޙައްދު ބަލައި އެތަނުގައި ލެބޯޓްރީ ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، ވީހާވެސް އަވަހަކަށް މަސައްކަތް ފެށޭނެ މަގު ތަނަވަސްކުރުމަށް ވާންޖެހޭ ތައްޔާރީތައްވުންކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ހަނިމާދޫއަކީ ހިސްޕިޑް ބީޓްލްގެ މައްސަލަ އުޅޭ ރަށަކަށްވެފައި ސެންޓަރުން ލިބެންހުރި ބައެއް އިމާރާތްތަކަކީ ލެބޯޓްރީއެއް ހެދުމަށް ބޭނުންކުރެވިދާނެ އިމާރާތްތަކެއް ކަމަށް ފެންނާތީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަކީ މިވަގުތު އެންމެ އަވަހަށް މިފަދަ ލެބޯޓަރީއެއް ޤާއިމުކޮށް މަސައްކަތްފެށުމަށް އެންމެ އެކަށީގެންވާ ތަން ކަމުގައި އެޓީމުން ވަނީ ފާހަގަކޮށްފައިވާކަމަށެވެ. ކަޓާސްގެ ފަންނީ މާހިރުންގެ ޓީމު މިވަގުތު ޙަރަކާތްތެރިވަމުންދަނީ ހަނިމާދޫގައެވެ.
އެ ވުޒާރާއިން ވިދާޅުވީ މިޓީމުން ހަނިމާދުއަށް ކުރާ މިދަތުރުގައި ބަޔޮލޮޖިކަލް ކޮންޓްރޯލް މެނޭޖްމަންޓް ޕްރޮޓޮކޯލްތަކާއި އިންސެކްޓް-ޕެސްޓް އިންޓަރެކްޝަންތަކާ ބެހޭ މުހިންމު ފަންނީ މަޢުލޫމާތުތަކެއް އެ ވުޒާރާގެ ފަންނީ މުވައްޒަފުންނާއި ޙިއްޞާކުރައްވާފައެވެ.
މީގެ އިތުރުން، ކަޓާސްގެ މާހިރުންނާއި އެ ވުޒާރާގެ ފަންނީ މުވައްޒަފުންވަނީ ހއ. މާފައްސަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށް މާފަހީގައި މިހާރު ފަށާފައިވާ ބަޔޮލޮޖިކަލް ކޮންޓްރޯލް ޕްރޮގްރާމްގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބަލައި މައުލޫމާތު ބަދަލުކުރުމެވެ.