ސިޔާސީ

ޓެރަރިޒަމްގެ ވާހަކަ ދައްކަމުންދަނީ ސިޔާސީ ބޭނުމަށް - ނިހާން


ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ ވާހަކަ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވާ މިންވަރަށް ދައްކަމުންދަނީ ސިޔާސީ ބޭނުމަކަށްޓަކައި ކަމަށާއި، އެފަދަ ގޮތަކަށް ވާހަކަ ދައްކަމުންދިޔަ ކަމުގައިވިޔަސް، އެކޯލިޝަން ދެމި ނޯންނާނެކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ. ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ޓެރަރިޒަމްގެ ވާހަކައާއި، ރާއްޖޭގެ އިޤްތިޞާދު އަދި ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން އިދިކޮޅު އިއްތިހާދުން އޮޅުވާލައިގެން ވާހަކަ ދައްކަމުންދަނީ ރާއްޖެއަކީ ވަރުގަދަ އިސްލާމީ އަސާސްތަކެއްގެ މަތީ ދެމިއޮތް ޤައުމަކަށްވެފައި، ރާއްޖޭގެ އެތެރެ ހަލާކުކޮށްލުމުގެ ބޭނުމުގައި ކަމަށާއި، އެފަރާތްތަކަކީ ދިވެހި ޤައުމާއި އިސްލާމް ދީނަށް ލޯބިހުރެގެން މަސައްކަތްކުރާ ބައެއް ނޫންކަމަށެވެ. މިއީ ރޭވިގެން ކުރަމުންދާ ކަމެއްކަމަށް ނިހާން ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ނިހާން ވަނީ ޢުމްރާނީ ގޮތުން ރާއްޖެ ހޯދަމުންދާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވައި، ވާހަކަ ދައްކަވާފައެވެ. އެގޮތުން ދެން އެންމެ އަވަހަށް ފެށޭނެ މަޝްރޫޢެއްގެ ގޮތުގައި ކުޅުދުއްފުށީ އެއަރޕޯޓްގެ މަޝްރޫޢާއި، އިތުރު ގިނަ މަޝްރޫޢުތަކެއް ހިމެނޭކަމަށް އަޙްމަދު ނިޙާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ބަޔަކު ދައްކާހާ ވާހަކައަކަށް  ދައުލަތުގެ ވަޒީރުން ނުކުމެ ޖަވާބުދާރީވާން ނުޖެހޭކަމަށާއި އޭގެ ބަދަލުގައި އިހުނަށްވުރެ ބާރަށް މަސައްކަތްތައް ސްޕީޑް ކުރުމަކީ މިސަރުކާރުން ބޭނުންވާ ގޮތްކަމަށެވެ.

"އަޅުގަނޑުމެން އަޑުއެހިން މުޙައްމަދު ނަޝީދު ވިދާޅުވި އަޑު، ބްރިޖް އެޅޭނީ ކިހިނެތްތޯއޭ އިންޖިނިއަރުން ލިބުނަސް ބްރިޖަށް ފައިސާ ހޯދާނީ ކިހިނެތްތޯއޭ. އެކަމަކު އިރާދަކުރެއްވިއްޔާ ބްރިޖްގެ މަސައްކަތް އެދަނީ ކުރިއަކަށް ނޫންތޯ؟" އިިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ނިހާން ވިދާޅުވިއެވެ. 



 މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު ޢަލީ އާރިފްވެސް ވަނީ އިދިކޮޅު ފަރާތްތަކަށް ރައްދުދެއްވައި އެކޯލިޝަން ދެމިނޯންނާނެކަމަށް ދެކެވަޑައިގަންނަވާ ސަބަބުތައް ތަފްޞީލްކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް ދެ އަހަރާ ބައިވީއިރު ދައުލަތުގެ ރިޒަރވް 707.2 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރުން ވެރިކަމާ ޙަވާލުވިއިރު ދައުލަތުގެ ރިޒަރވްގައިހުރީ 230މިލިއަން ޑޮލަރު ކަމަށާއި ޔޫސަބްލް ރިޒަރވްގެ ގޮތުގައިވެސް ހުރީ 50އަކަށް މިލިއަން ޑޮލަރުކަމަށް އޭނާ ވިދާޅުވިއެވެ. 



 އިދިކޮޅު ސިޔާސީ ބައެއް ފަރާތްތަކުން ހުޅަނގާއި އަވައްޓެރި ޤައުމުތަކުގައި ރާއްޖެ ބަދުނާމްވާ ގޮތަށް ވާހަކަ ދައްކަމުންދާ ދިއުން ސަރުކާރުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.