ޚަބަރު

ޤައުމީ އިނާމަށާއި ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލަނީ


މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށައެޅުމުގެ ފުރުޞަތާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، އަންނަ އާދީއްތަ ދުވަހު ހުޅުއްވާލައްވާނެކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ފުރުޞަތު ހުޅުއްވާލައްވައި، އެކަމުގެ މަޢުލޫމާތު، ޤައުމީ އިނާމާބެހޭ ކޮމިޓީންނާއި، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ޚަބަރުފަތުރާ ވަސީލަތްތަކަށް ދެއްވާނީ، އަންނަ އާދިއްތަ ދުވަހު ހެނދުނު 11 ޖަހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވާ ބައްދަލުވުމެއްގައިކަމަށެވެ. އެގޮތުން ޤައުމީ އިނާމާއި، ޚާއްޞަ އިނާމު ދެއްވުމުގެ އުސޫލުތަކަށް މިއަހަރު ގެންނެވި މައިގަނޑު ބަދަލުތައް، ޚަބަރުފަތުރާ ވަސީލަތްތަކާ އެ ދެ ކޮމިޓީން ޙިއްޞާކުރައްވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި، ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކުންނާއި، ވިޔަފާރީގެ ދާއިރާތަކުން ދިވެހި ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ހިތްވަރު ދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި، ހުނަރާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، ޢިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފް ޙާޞިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލުކޮށް، އެފަރާތްތަކުގެ އަގު ވަޒަންކޮށް ހިތްވަރުދީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި، މަސައްކަތްތެރިކަން މިޞްރާބު ކުރުމުގެ މަޤުޞަދުގައި ދެމުންގެންދާ އިނާމެކެވެ.

ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.