ދީން

ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ 4 ވަނަ ފޯރަމް ބާއްވައިފި


"ހެޔޮ ގޮތުގައި ވިޔަފާރީގެ މުޢާމަލާތްތައް ހިންގުން" މި މަޢުލޫއަށް އަލިއަޅުވާލާ، ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް، ދިރުވުމުގެ ޕްރޮގްރާމްގެ 4 ވަނަ ފޯރަމް ރޭ ބާއްވައިފިއެވެ.

ރޭގެ ފޯރަމްގައި ވިޔަފާރީގެ މުޢާމަލާތްތައް ކުރުމުގައި އިސްލާމްދީނުގައި އަންގަވާފައިވާ އުސޫލުތަކާއި، ހަލާލުގޮތުގައި ވިޔަފާރިކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތުދެއްވާފައިވެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމްކޮށްގެން ބާއްވާ ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް، ދިރުވުމުގެ ޕްރޮގްރާމްގެ 4 ވަނަ ފޯރަމް އަމާޒުކޮށްފައިވަނީ "ހެޔޮގޮތުގައި ވިޔަފާރިކުރުން" މި މަޢުލޫގެ މައްޗަށެވެ. އެގޮތުން މި މަޢުލޫއާއި ގުޅޭގޮތުން އާއްމުންނަށް މަޢުލޫމާތުދެއްވީ، އައްޝައިޙް އާދަމް ޝަމީމް ބިން އިބްރާހީމް އަދި އައްޝައިޙް ޢަލީ ޒާހިރު ބިން ސަޢީދެވެ.

މި މަޢުލޫއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އައްޝައިޙް އާދަމް ޝަމީމް ބިން އިބްރާހީމް ވަނީ އިސްލާމްދީނުގައި ވިޔަފާރީގެ މުޢާމަލާތްތަކަށް ދެއްވާފައިވާ އަހައްމިއްޔަތު ފާހަގަކުރައްވާ، ރަސޫލު ޒަމާނުންސުރެއް ވިޔަފާރީގެ މުޢާމަލާތްތައް ކުރަމުންދިޔަގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާވާ ވާހަކަދައްކަވާފައެވެ. އަދި ވިޔަފާރީގެ މުޢާމަލާތްތައް ކުރުމުގައި މީހުންނަށް އޮޅުވާލުމާއި، މަކަރު ހެދުމާއި، ރިބާކެއުން ފަދަ ކަނޑައެޅިގެން ދީނުގައި މަނާކުރައްވާފައިވާ ކަންކަމުން ދުރުހެލިވެތިބުމަށް ނަސޭހަތްތެރިވިއެވެ. އައްޝައިޙް އާދަމް ޝަމީމް ވިދާޅުވީ، އިސްލާމްދީނުގައި ވިޔަފާރި ހުއްދަކުރެއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެކަކު އަނެކަކުގެ މުދާ ހަލާލުގޮތުގައި ބައްދަލުކުރެވޭނެފަދަ މާހަޢުލެއް ޤާއިމުކޮށްދެއްވުން ކަމަށެވެ.

"ހެޔޮގޮތުގައި ވިޔަފާރިކުރުން" މި މަޢުލޫއަށް ރޭގެ ފޯރަމްގައި ވާހަކަދައްކަވަމުން އައްޝައިޙް ޢަލީ ޒާހިރު ބިން ސަޢީދު ވިދާޅުވީ، ވިޔަފާރި އެއީ ހުއްދަ ކަމެއްގެގޮތުގައި ކަނޑައަޅުއްވާފައިވާގޮތުންވެސް މާތްވެގެންވާ އިސްލާމްދީނުގެ ފުރިހަމަކަން ސާބިތުކޮށްދޭ ކަމަށެވެ. އަދި ވިޔަފާރި ކުރުމުގައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި ޚިލާފުވެއްޖެ މީހަކަށް ހުރި ގެއްލުމާއި، އެކަމުގެ ނުރައްކާތެރިކަމާއި ގުޅޭގޮތުން އައްޝައިޙް ޢަލީ ޒާހިރު ވަނީ ވާހަކަދައްކަވާފައެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް، ދިރުވުމުގެ ޕްރޮގްރާމްގެ 4 ވަނަ ފޯރަމްގައި ވަނީ ކީރިތި ޤުރުޢާނާއި ބެހޭ މަރުކަޒާއި، ބައެއް އަމިއްލަ ފަރާތްތަކުން ލިޔެފައިވާ ފޮތްތަކެއްވެސް ނެރެދެއްވާފައެވެ. މި ފޮތްތައް ނެރެދެއްވީ، އިސްލާމިކް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙުމަދު ޒިޔާދު ބާޤިރެވެ.

އެގޮތުން މިނިސްޓަރ އަލަށް ނެރެދެއްވި ފޮތްތަކުގެ ތެރޭގައި، "ޢަރަބި ބަސް ދަސްކުރަމާތޯ 1،2"، "ޢަރަބި ބަހުގެ ޑިކްޝަނަރީ"، "ޤުރުޢާން ހިތުދަސްކުރުމަށް އެހީއެއް 1،2"، "ކީރިތި ޤުރުޢާން ހިތުދަސްކުރުމާއި ކިޔެވުމުގެ މާތްކަން"، އަދި "ޢަރަބި ބަހުގެ ކަލިމަތަކާއި އާއްމު ޖުމްލަތައް" ހިމެނެއެވެ.