ޚަބަރު

އަލިފާނުގައި ގެއްލުންވި ވުޒާރާތަކުގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފި


  • ޚިދުމަތްތައް ދޭން ފަށާފައި މިވަނީ ގާތްގަނޑަކަށް 48 ގަޑިއިރުގެ މަސައްކަތުން

  • މިކަމުގައި ސަރުކާރު އިދާރާތަކާއި ކުންފުނިތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި

މިދިޔަ ބުރާސްފަތި ދުވަހު ތިން ވުޒާރާއެއް ހިންގަމުން ދިޔަ ދެ އިމާރާތުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ވުޒާރާތަކުގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

އަމީނީ މަގު، ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި ހުންނަ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާ އަދި އިމާރާތްކުރުކާއި ބިނާރާ ބެހޭ ވުޒާރާ ހިންގަމުންދިޔަ އަލިފާނުގެ ހާދިސާގައި އެ ޢިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. އަދި އެ އިމާރާތާ ޖެހިގެން ހުންނަ ގްރީން ބިލްޑިންގައިވެސް އަލިފާން ރޯވެ ގެއްލުންތަކެއް ވަނީ ވެފައެވެ. އެއީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހިންގަމުން އަންނަ އިމާރާތެވެ.

މި އަލިފާނުގެ ހާދިސާއާއި ގުޅިގެން މި 3 ވުޒާރާއިން ދެމުން ގެންދިޔަ ޙިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑުނެވެ. އެހެންނަމަވެސް ވުޒާރާތަކުގެ މަސައްކަތްތައް ކުރުމަށްޓަކައި ވަގުތީގޮތުން ދަރުބާރުގެ ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވާފައެވެ. މި ވުޒާރާތައް ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް އަލިފާނުގެ ޙާދިސާ ހިނގި ދުވަހު ވަނީ ފަށާފައެވެ.

މި މަސައްކަތްކޮށްފައިވަނީ މި ވުޒާރާތަކުގެ މުވައްޒަފުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކަމާބެހޭ އިދާރާތަކުގެ ބައިވެރިވުމާއި އެހީތެރިކަމާއެކުގައެވެ. އެގޮތުން މި ވުޒާރާތަކުގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ޖާގަތަކާއި، އިދާރީ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ޖާގަތަކުގެ އިތުރުން މީޓިން ރޫމުތަކުގެ ސެޓަޕްތައް ދަރުބާރުގޭގައި ވަނީ ޤާއިމުކޮށްފައެވެ. އަދި އެތަނަކީ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާނެ ތަނެއްކަމަށްވުމުން އިމާރާތް ފިނިކުރުމަށްޓަކާ އިތުރަށް އޭސީ ހަރުކުރުމުގެ މަސައްކަތްވެސް ކޮށްފައިވެއެވެ.

މި 3 ވުޒާރާގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށާފައި މިވަނީ ގާތްގަނޑަކަށް 48 ގަޑިއިރުގެ މަސައްކަތުންނެވެ.