ހދ. ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ކެންޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޕީއެންސީގެ ފަރާތުން މި ބައި-އިލެކްޝަންގައި ވާދަކުރައްވާ އިންތިޚާބު ކާމިޔާބުކުރެއްވި 3 ކެންޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކޮށްދެއްވި ފަރާތްތަކަށާއި ވޯޓުގައި ބައިވެރިވެވަޑައިގަތް ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.
— Dr Mohamed Muizzu (@MMuizzu) December 14, 2024
މި ބައި-އިލެކްޝަންގައި ޖުމްލަ 6 ކެންޑިޑޭޓަކު ވަނީ ވާދަކޮށްފައެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރި 3 ކެންޑިޑޭޓަކާއި، އެމްޑީޕީގެ ފަރާތުން ވާދަކުރި 3 ކެންޑިޑޭޓެކެވެ.
ބައި-އިލެކްޝަން ކާމިޔާބުކުރެއްވި 3 ކެންޑިޑޭޓުންނަކީ:
• ފާޠިމަތު ނާފިޡާ އިސްމާޢީލް / ވީނަސް، ހދ. ކުރިނބީ
• އިނާސާ އާދަމް / ދޫގަސް، ހދ. ކުރިނބީ
• ރާނިޔާ މުޙައްމަދު / ފަލަކް، ހދ. ކުރިނބީ
ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ.