ދުނިޔެ

ބަޖެޓު ފާސްކުރަން ފަރަންސޭސިވިލާތުގެ އައު ބޮޑުވަޒީރަށް ވެސް ބޮޑު ހަނގުރާމައެއް


ތަފާތު އެކި ޕާޓީތަކުގެ މެދުގައި ވަރަށް ބޮޑަށް ބައިބައިވެފައި އޮތް ފަރަންސޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ރުހުން ހޯދައިގެން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރުމަކީ، ހިމާލަޔާ ފަރުބަދައަށް އެރުން ފަދަ ބޮޑު ކަމެއްގެ ގޮތުގައި އެ ޤައުމުގެ އައު ބޮޑުވަޒީރު ފްރާންސުއާ ބެއިރޫ ސިފަކުރައްވައިފިއެވެ.

މަޖިލީހުގެ ތާޢީދު ނެތް އަދި ޚަރަދު ކުޑަ ބަޖެޓެއް ފާސް ކުރަން މަސައްކަތް ކުރެއްވުމާ ގުޅިގެން، އިތުބާރު ނެތް ކަމަށް ފާސްކޮށް މަޤާމުން ދުރުކޮށްފައިވާ މިޝެލް ބަޣުނިޔޭގެ ބަދަލުގައި ބޮޑުވަޒީރުގެ މަޤާމަށް ބެއިރޫ، ރައީސް އިމަނުއެލް މެކްޚޮން ޢައްޔަނުކުރެއްވީ ހުކުރު ދުވަހުއެވެ.

ބެއިރޫ އަކީ މެކްޚޮން މި އަހަރުގެ ތެރޭގައި ޢައްޔަންކުރެއްވި ހަތަރު ވަނަ ބޮޑުވަޒީރެވެ.

ތިން ފަހަރެއްގެ މަތިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާފައިވާ ބެއިރޫއަށް ވެސް ކުރިމަތިވެފައި ވަނީ، ބަޣުނިޔޭ ބޭރުކުރި މަޖިލީހާ ކުރިމަތިލެއްވުމެވެ.

"އަޅުގަނޑަށް ވުރެ ރަނގަޅަށް މިހާރު އޮތް ޙާލަތުގެ ދަތިކަން އެނގޭނެ އެއްވެސް މީހަކު ނުހުންނާނެ. އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި ހިމާލަޔާ ފަރުބަދަ ނުފެންނަނީއެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއީ ހަމައެކަނި ޑެފިސިޓާއި ދަރަންޏާ ގުޅުން އޮތް މައްސަލައެއް ނޫން."

އަންނަ އަހަރަށް ލަފާކޮށް ބަޣުނިިޔޭގެ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި، ދަރަނި ކުޑަކުރުމަށް 63.07 ބިލިޔަން ޑޮލަރު ހިމަނާފައިވެއެވެ. އެއީ އުފެންދުންތެރިކަމުގެ ހަ އިންސައްތައަށް މި އަހަރު އަރާނެ ކަމަށް ލަފާކޮށްފައިވާ ޑެފިސިޓް ކުޑަކުރުމުގެ ވިސްނުމުގައި އެޅި ފިޔަވަޅެކެވެ.

ބޮޑުވަޒީރު ކަމަށް ބެއިރޫ ޢައްޔަންކުރުމާ އެކު ވައަތު ފިޔައިގެ އިދިކޮޅު ޕާޓީން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ބެއިރޫގެ މައްޗަށް ވެސް އިތުބާރު ނެތް ކަމަށް ފާސްކުރާނެ ކަމުގެ އިންޒާރު ވެސް އެ ޕާޓީން ވަނީ ދީފައެވެ. އެއާ އެކު، މަޖިލީހުން ޤަބޫލުކުރާނެ ކެބިނެޓެއް އެކުލުވައިލުމަށް ވެސް ބެއިރޫ އަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

މި ދަނޑިވަޅުގައި، މެކްޚޮންގެ ވެރިކަމާ ދެކޮޅު ފަރާތްތަކުން ދަނީ އޭނާގެ އިސްތިޢުފާއަށް ގޮވައިލަމުންނެވެ. އޭނާގެ އިސްތިޢުފާއަށް ގޮވައިލާފައިވާ ޕާޓީތަކުގެ ތެރޭގައި ވައަތު ފިޔައިގެ ސިޔާސަތުތައް ކުރިއަރުވާ ފްރާންސް އަންބަވްޑް (އެލްއެފްއައި) ޕާޓީ ހިމެނެއެވެ. މެކްޚޮންގެ އިސްތިޢުފާއަށް ފާޅުގައި ގޮވައިލައްވާފައި ނެތް ނަމަވެސް، އިދިކޮޅު މައި ޕާޓީ ނޭޝަނަލް ރެލީ (އާރްއެން)ގެ ވެރިޔާ މަރީން ލެ ޕެން ވެސް ވަނީ މެކްޚޮނަށް ކުރިމަތިވަމުންދާ ފިއްތުންތައް ކުރިއަށް ތަނުގައި އިތުރުވަމުންދާނެ ކަމުގައި ވިދާޅުވެފައެވެ.

ފަރަންސޭސިވިލާތަށް ކުރިމަތިވެފައިވާ ސިޔާސީ ކާރިސާއާ ގުޅިގެން އިންވެސްޓަރުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. ޚާއްޞަ ގޮތެއްގައި، ސަރުކާރުން ސޮވެރެން ބޮންޑާއި ސްޓޮކް ގަނެފައިވާ އިންވެސްޓަރުންގެ މެދުގައި އޮތް ކަންބޮޑުވުން އިތުރުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.