ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް މެދުނުކެނޑި ވީހާވެސް އަވަހަށް ދެވޭނެ ގޮތް ވުމަކީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުު ހިނގި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ ދެ ސެކްޝަނެއް އަނދައިގެން ދިއުމާ ގުޅިގެން ޑޮކިޔުމަންޓްތައް ބަލައި ޗެކްކުރުމުގެ މަސައްކަތް ފެއްޓުމާ، ރައީސުލްޖުމްހޫރިއްޔާ ވަޒީރާ ހިއްސާ ކުރައްވައިފައިވާ އިރުޝާދުތައް، ކައުންސިލްގެ މުވައްޒަފުންނަށް ފޯރުކޮށް ދެއްވުމަށް ގަލޮޅު މަދަރުސާގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވަޒީރު ވަނީ އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ގުޅޭ ޢިމާރާތުގައި ހިންގަމުން ދިޔަ، ވައިޓަލް ރެޖިސްޓްރޭޝަނާއި، ލޭންޑް އެންޑް ބިލްޑިންގ ޑިޕާރޓްމަންޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ދެ ޑިޕާރޓްމަންޓުގެ މަސައްކަތް، އަލުން ފަށައިގެން ކުރިއަށް ގެންދިޔުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް މެދުނުކެނޑި ވީހާވެސް އަވަހަށް ދެވޭނެ ގޮތް ވުމަކީ ސަރުކާރުގެ އަމާޒުކަމަށްވެސް ވަޒިރު ވިދާޅުވިއެވެ.
"މިހާދިސާ ހިނގި ހިސާބުން ފެށިގެން ވެސް ތިޔަ ބޭފުޅުން ވަރަށް ޒިންދާރު ގޮތެއްގައި ވަރަށް ރަނގަޅަށް ފަރުވާތެރި ކަމާއެކު މަސައްކަތްތައް ކުރިއަށް ގެންދަވައިކަން އަޅުގަނޑު ފާހަގަކުރަން. އަދި ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ތިޔަ ބޭފުޅުންނަށް ޝުކުރު ދަންނަވަން" ވަޒީރު އާދަމް ޝަރީފު ވިދާޅުވިއެވެ.
ވަޒީރު ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު 3 ވުޒާރާއާއި، މާލޭ ސިޓީ ކައުންސިލްގެ ޢިމާރާތަކީ މުހިންމު ޚިދުމަތްތަކެއް ދެމުން އަންނަ ތަންތަންކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެތަންތަނަށް ބޭނުންވާ ކަންކަން ފުރިހަމަކޮސްދިނުމަށް ރައީސް ޚާއްސަ ސަމާލުކަމެއްދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށް ފަހު އަލިފާނުގެ ހާދިސާގައި ގެއްލުންވި ޢިމާރާތްތައް ސާފުކުރުމުގެ މަސައްކަތުގައި ސިޓީސް މިނިސްޓްރީގެ ޕަބްލިކްވޯރކްސް ޑިޕާރޓްމަންޓުން ކުރައްވަމުން ގެންދަވައި މަސައްކަތްވެސް މިއަދު ވަޒީރު ވަނީ ބައްލަވައިލައްވާފައެވެ.