ސަރުކާރުގެ މުހިއްމު މަޢުލޫމާތުތައް ރިކަވާ ކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތިދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާލުވީ ފުދޭވަރަކަށް ގިނަ ޑާޓާތަކުގެ ބެކްއަޕް ހުރިކަމަށެވެ. އެގޮތުން ރައްޔިތުންނާ ގުޅުން ހުރި ހައުސިން މަޝްރޫއުގެ އެއްވެސް މަޢުލޫމާތުތެއް ގެއްލިފައިނުވާކަމަށާއި ސަރުކާރުން އަލަށް ހުޅުވާލި ލޯނު ސްކީމްގެ އެޕްލިކޭޝަންތައްވެސް ނުގެއްލޭކަމަށެވެ.
ވަޒީރު ވިދާޅުވީ ދަޢުލަތުގެ ގިނަ މަޢުލޫމާތުތަކެއް ގެއްލިގެން ނޫޅޭކަމަށާއި މިހާރުވެސް ގެއްލިދާނެކަމަށް ބެލެވޭ މަޢުލޫމާތުތައް ރިކަވަރ ކުރުމުގެ މަސައްކަތްތައް ކުރަމުންގެންދާކަމަށެވެ. ވަޒީރު ވިދާޅުވީ މި ދަނޑިވަޅުގައި އެންމެ ބޮޑަށް އިސްކަން ދެނީ ޑޭޓަރތައް ރިކަވަރ ކުރުމުގެ މަސައްކަތުގެ އިތުރަށް ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ޚިދުމަތްތައް ދިނުމަށްކަމަށެވެ. އަދި ސަރުކާރުގެ މަސައްކަތްތައް ނުހުއްޓު ކުރިއަށްދާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
"މިހާރު ބަލަން މިޖެހެނީ ހިސްޓޮރިކަލް މަޢުލޫމާތުތައް އަދި ފާއިތުވި މުއްދަތުގައި ކުރި މަސައްކަތްތަކާ ގުޅުން ހުރި ޑޭޓާތަކުގެ ތެރެއިން އަޅުގަނޑުމެންނާ ގެއްލުންވީ ކިހާވަރެއްތޯ. އޭގެ ތެރޭގައި އަޅުގަނޑުމެންނަށް ސައިޓް ތެރޭގައި ހުރި ސަރވާތަކުން ސްޓޯރޭޖް ނަގައިގެން ރިކަވަރ ކުރެވޭ އެއްޗެހިތަކެއް ހުރިތޯ ނުވަތަ ނޫންތޯ" އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ތިން ވުޒާރާގެ މަސައްކަތްތައް ދަރުބާރުގެއަށް ވަނީ ބަދަލުކޮށްފައެވެ. ވަޒީރު ވިދާޅުވީ އާދިއްތަ ދުވަހުން ފެށިގެން ދަރުބާރުގެއިން ވުޒާރާތަކުގެ ޚިދުމަތް ލިބެމުންދާނެކަމަށެވެ. އަދި ދަރުބާރުގޭގައި ވުޒާރާތަކުގެ ސެޓްއަޕްތައް ހަދަމުންދަނީ މުވައްޒަފުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެގޮތަކަށްކަމަށެވެ.