ވިޔަފާރި

ސައުތުއޭޝިއާ އެކްސްޕޯގައި ދިވެހި އުފެއްދުންތަކަށް ބޮޑު ތަރުޙީބެއް


ދިވެހި އުފެއްދުންތައް ކުރިއަރުވައި، ބޭރު ޤައުމުތަކުގެ މާރކެޓުތަކަށް ދިވެހި އުފެއްދުންތައް ތައާރަފް ކުރުމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ބޭރު ޤައުމުތަކުގައި ބާއްވާ ވިޔަފާރި ފެއަރތަކާއި، އެކްސްޕޯތަކުގައި ދިވެހި އުފެއްދުންތައް އިޝްތިހާރުކުރުމަށްޓަކައި އަންނަނީ ބައިވެރިވަމުންނެވެ.

އެގޮތުން ދާދި ފަހުން ޗައިނާގެ ކުންމިންގައި ބޭއްވި ޗައިނާ ސައަތު އޭޝިއާ އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެފައިވާ އިރު، އެ އެކްސްޕޯގެ ސަބަބުން ޗައިނާގެ މާކެޓުގައި ރާއްޖޭގެ އުފެއްދުންތަކަށް މާކެޓު އޮތްކަން ވަނީ އެނގިގެންގޮސްފައެވެ. img:http://s4.psmnews.mv/images/660x400/14660798596465.jpg|ކުންމިންގ ފެއަރގައި ބަހައްޓާފައިވާ ރާއްޖޭގެ ޕެވިލިއަން - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ޗައިނާގެ ކުންމިންގައި އަހަރަކު އެއްފަހަރު ބާއްވާ ސައުތު އޭޝިއާ އެކްސްޕޯއަކީ ދުނިޔޭގެ އެކި ހިސާބުތަކުން ބައިވެރިވާ އެކްސްޕޯއެކެވެ. މިއެކްސްޕޯއަކީ ތަކެތި ގަންނަ މީހުންނާއި ވިއްކާ މީހުންނާ ގުޅުވައިދޭ އެކްސްޕޯއެކެވެ. މިއަހަރުގެ ސައުތު އޭޝިއާ އެކްސްޕޯގެ ކަންޓްރީ އޮފް އޮނަރ އަކީ ރާއްޖެއެވެ. އެ ޝަރަފާއެކު އެކްސްޕޯގައި ރާއްޖޭގެ އުފެއްދުންތައް ދައްކާލުމަށް ވަނީ ބޮޑު ޖާގައެއް ލިބިފައެވެ. ރާއްޖޭގެ ފަރާތުން މި އެކްސްޕޯގައި ތަފާތު ދިވެހި އުފެއްދުންތައް ބައިވެރިވެރިކޮށްފައިވެއެވެ.

މި އެކްސްޕޯގައި ބައިވެރިކުރި ދިވެހި އުފެއްދުންތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވަނީ ދިވެހި މަހުގެ އުފެއްދުންތަކަށް، ރާއްޖޭގެ 5 މަސް ކުންފުންޏަކުން މިއެކްސްޕޯގައި ބައިވެރިކޮށްފައިވާ އިރު، އެކުންފުނިތަކުން އެކްސްޕޯއަށް ގެންދިޔަ ހުރިހާ އުފެއްދުންތަކެއް ވަނީ ވިކި ހުސްވެފައެވެ. މިއާ އެކު އެނގިގެންދިޔައީ ދިވެހި މަހުގެ އުފެއްދުންތަކަށް ޗައިނާގައި ބޮޑު ޑިމާންޑެއް އޮތް ކަމެވެ. މި އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެކްސްޕޯ ވަރަށް ކާމިޔާބުކަމަށާއި އަދި ދެންވެސް އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ ބައިވެރިވާން ޝައުގުވެރިވާކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

ސައުތު އޭޝިއާ އެކްސްޕޯވެގެން ގޮސްފައިވަނީ ރާއްޖެއަށް އެއްގޮތަކަށް ވުރެ ގިނަ ގޮތްގޮތުން ކާމިޔާބު އެކްސްޕޯއަކަށެވެ. އެގޮތުން މި އެކްސްޕޯގެ ސަބަބުން ޗައިނާގައި ރާއްޖެވަނީ އިތުރަށް މަޝްހޫރުވެގެން ގޮސްފައެވެ. ރާއްޖޭގެ ޕެވިލިއަންއަށް ޗައިނާގެ ރައްޔިތުންގެ ޝައުގުވެރިކަންވަނީ ލިބިފައެވެ. އެކްސްޕޯ އިންތިޒާމްކުރި ފަރާތުން ވެސް ރާއްޖެއަށް ތައުރީފުކޮށްފައިވެއެވެ. img:http://s3.psmnews.mv/images/660x400/14657154935549.jpg|ކުންމިންގ ފެއަރ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ޕާމް ޓޯންސްގެ ލައިވް މިއުޒިކާއި، ލިޔެލާ ޖެހުމާއި، ކުނާ ވިޔުމުގެ ހަރަކާތްތައް ރާއްޖޭގެ ޕެވެލިއޯން އިން ފެންނަން ހުރެއެވެ. ރާއްޖޭގެ ޕެވިލިއަން އަށް ޒިޔާރަތްކުރި ޗައިނާގެ މީހުންނަށް އެންމެ ކަމުދިޔަ އެކައްޗަކީ ދިވެހި ގޮނޑުދޮށްތަކުން މި ފެންނަ ހުދު ރީތި ދޮންވެއްޔެވެ.

ޗައިނާ އަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ކޮންސިއުމާރ މާރކެޓު ކަމަށްވާއިރު، ރާއްޖޭގެ އުފެއްދުންތަކަށް އެޤައުމުގައި މާރކެޓެއް އުފެދިގެން ދިޔުން ވެގެންދާނީ ދިވެހި ވިޔަފާރިވެރިންނަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމަކަށެވެ.