ރާއްޖޭގެ އިޤްތިޞާދުގައި އަންހެނުންގެ ޙިއްސާ އިތުރުކުރުމަށްޓަކައި އަންހެން ވިޔަފާރިވެރިންނަށް ހަމަހަމަ ފުރުޞަތުތައް ހޯއްދައިދިނުމަށް ހުއްޓުމެއްނެތި ސަރުކާރުން މަސައްކަތް ކުރަމުންގެންދާނެކަމަށް އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އާޢިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ "އެމްޕަވަރިންގް ވިމެން އެންޓަޕްރެނަރސް ތްރޫ ޑިޖިޓަލް ޓްރާންސްފޮރމޭޝަން"ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްއަކީ އިޤްތިޞާދީގޮތުން ބާރުވެރިވެފައިވާ އަންހެނުން އިތުރުވެ، އެ ފަރާތްތަކުގެ ވިޔަފާރި ކުރިއަރުވަން ބާރު ލިބި، ފުޅާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ.
މި ތަމްރީން ޕްރޮގްރާމްއަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން، ޔޫ.އެން އެސްކޭޕްގެ އޭޝިއަން އެންޑް ޕެސިފިކް ޓްރެއިނިނގް ސެންޓރ ފޮރ އިންފޮމޭޝަން އެނޑް ކޮމިއުނިކޭޝާން ޓެކްނޮލޮޖީ ފޮރ ޑިވަލޮޕްމަންޓް (އޭޕީސީއައިސީޓީ)އާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ.
މި ތަމްރީން ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އާޢިޝަތު ޝިހާމް ވިދާޅުވީ އެކި ދާއިރާތަކުން އަންހެނުންނަށް ކުރިއަށްދިޔުމަށް ފުރުޞަތުތައް ފަހިކޮށްދީ އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން އިސްކަމެއް ދެއްވާކަމެއްކަމަށެވެ.
ވަޒިރު ވަނީ ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތުގައި އަންހެނުން އިސްވެ ހިންގާ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސްޓާޓްއަޕްތަކަށާއި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ލޯނުގެ ގޮތުގައި 100 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ފަންޑުގެ %25 ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ޚާއްސަކޮށްފައިވާކަމަށެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި 60 މީހަކަށް އެ ފަންޑުން ފައިސާދިނުމަށް ކަނޑައަޅާފައިވާކަމަށާއި މިފަދަ އެހީތައް ހުއްޓުމެއްނެތި ހަމަހަމަކަމާއެކު ފޯރުކޯށްދިނުމަށް މަސައްކަތް ކުރާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަމާޒަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން 100 އަންހެން ވިޔަފާރިވެރިންގެ ވިޔަފާރި ކުރިއެރުވުން. މިއަދުގެ ދުނިޔޭގައި ޑިޖިޓަލް ޓެކްނޮލޮޖީއަކީ މިހާރު އިޚްތިޔާރީ އެއްޗެއް ނޫން" އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އާޢިޝަތު ޝިހާމް ވިދާޅުވިއެވެ.
"އެމްޕަވަރިންގް ވިމެން އެންޓަޕްރެނަރސް ތްރޫ ޑިޖިޓަލް ޓްރާންސްފޮރމޭޝަން" ތަމްރީން ޕްރޮގްރާމް އަމާޒުކޮށްފައިވަނީ އަންހެން ވިޔަފާރިވެރިންނަށެވެ. 3 ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވައި ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރެވޭނެކަން އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ ސަބަބުން އެ ފަރާތްތަކުގެ މާލީ ޙާލަތު ވަޒަންކުރުމާއި މަޢުލޫމާތު އެކަށީގެންވާ ގޮތެއްގައި މާނަކުރުމުގެ ބާރު ލިބިގެންދާނެއެވެ. އަދި ވިޔަފާރި ދެމެހެއްޓުމުގެ ރޭވުމުގެ ތެރެއިން އަންހެން ވިޔަފާރިވެރިންނަށް އެމީހުންގެވިޔަފާރީގައި ދިމާވާ ހުރަސްތަކާއި ކުއްލި ޙާލަތްތައް ރާވައި، ސްޓްރެޓެޖީ އެކުލަވާލައި އަދިމެނޭޖްކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރު ލިބިގެންދާނެއެވެ.
މީގެއިތުރުން އަންހެން ވިޔަފާރިވެރިންނަށް އެމީހުންގެ ވިޔަފާރި ހިންގުމުގައި ދިމާވެދާ ހުރަސްތަކަށް ތައްޔާރުވެ، އެފަދަ ޙާލަތްތަކުގައި ވިޔަފާރި ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ބާރުވެރިކުރުވޭނެއެވެ. އަދި އަވަސް ނިންމުންތައް ނިންމުމުގެ ޤާބިލުކަން އިތުރުވެ، ވިޔަފާރީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މަގުފަހިވެގެންދާނެއެވެ.