ޚަބަރު

ބޮޑެތި ޓީމުތަކާއި ކުދި ޓީމުތަކުގެ މެދުގައިވާ ފަރަގު ކުޑަ: ޓުޗެލް


ޔޫރަޕްގެ ފުޓްބޯޅައިގެ ބޮޑެތި ޓީމުތަކާއި ކުދި ޓީމުތަކާއި ދެމެދުވާ ފަރަގު ކުޑަވެފައިވާކަމަށް އިނގިރޭސިވިލާތުގެ ކޯޗު ކަމާއި އަލަށް ހަވާލުވި ތޯމަސް ޓުޗެލް ބުނެފި އެވެ.

2026 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކޮލިފައިންގެ ގުރުއަތުލުމަށްފަހު މީޑިޔާ އާއި ވާހަކަ ދައްކަމުން ޓުޗެލް ބުނެފައިވަނީ އިނގިރޭސިން ހިމެނިފައިވާ ގްރޫޕް ކޭ އަކީ ފަސޭހަ ގްރޫޕެއް ނޫން ކަމަށެވެ. މި ގްރޫޕުގައި އިނގިރޭސިންގެ އިތުރުން ދެން ހިމެނެނީ ސަރބިޔާ އާއި އަލްބޭނިއާ އާއި ލެޓްވިއާގެ އިތުރުން އެންޑޯރާ އެވެ.

ޓުޗެލް އިތުރަށް ބުނެފައިވަނީ މި ގްރޫޕްގައި ހިމެނޭ ސަރބިއާ އާއި އަލްބޭނިއާ އަކީ ވަރުގަދަ މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ދެ ގައުމު ކަމަށާއި އަދި އެ ޓީމުގެ ކޯޗުންނަކީވެސް މޮޅު ކޯޗުންތަކަށް ވާއިރު މިއީ އުނދަގޫ ދެ މެޗުތަކަށް ވާނެ ކަމަށެވެ. އަދި ލެޓްވިއާ އާއި ދެކޮޅަށް އިނގިރޭސިން މީގެ ކުރިން ކުޅެފައިނުވި ނަމަވެސް ކުދި ގައުމު ތަކާއި ވަރުގަދަ ގައުމުތަކާއި ދެމެދު ވާ ފަރަގު މިހާރު ކުޑަވަމުންދާތީ އެއްވެސް މެޗަކީ ފަސޭހަ މެޗެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.

މިދިޔަ އޮކްޓޯބަރ މަހު އިނގިރޭސިވިލާތުގެ ކޯޗު ކަމާއި ހަވާލުވި ޖަރުމަނުގެ ތޯމަސް ޓުޗެލް ރަސްމީކޮށް އޭނާގެ މަސައްކަތާއި ހަވާލުވާނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ. އަދި ގައުމީ ޓީމަށް ކުޅުންތެރިން ނަގާނީ އެ ކުޅުންތެރިން ކްލަބުގައި ދައްކާ ކުޅުމަށް ބެލުމަށްފަހުގައި ކަމަށްވެސް ޓުޗެލް ވަނީ ބުނެފަ އެވެ.

އިނގިރޭސިވިލާތުގެ ކޯޗަކަށް ގެރެޓް ސައުތު ގޭޓް ހުރިއިރު 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ޓީމުގެ ކޭމްޕް ދޫކޮށް އަމިއްލަ ސަބަބުތަކާއި ހުރެ ކަމަށްވުނެ އޭރު އެނބުރި ގައުމަށް ދިޔަ ޑިފެންޑަރ ބެން ވައިޓް އަލުން ގައުމީ ޓީމަށް ނެގުމުގެ ކުރިން އޭނާ އާއި ބައްދަލުކުރާނެ ކަމަށްވެސް ޓުޗެލް ވަނީ ބުނެފަ އެވެ. 2022 ވަނަ އަހަރަށްފަހު ބެން ވައިޓް އަށް ގައުމީ ޓީމުން ފުރުސަތު ލިބިފައެއް ނުވެއެވެ.