ޚަބަރު

ސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް 6 ފަރާތަކުން ކުރިމަތިލައިފި


މޮޓޯ ސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް 6 ފަރާތަކުން ކުރިމަތިލާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ މުއްދަތު އިއްޔެ އަށް ހަމަވެފައިވާ އިރު އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ 12 ފަރާތަކުން މައުލޫމާތު ސާފުކުރި އިރު ބިޑް ހުށައެޅީ 6 ފަރާތަކުން ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި ޚިދުމަތް ދިނުމަށް ލައިސަންސް ދިނުމުގައި މިނިސްޓްރީން އިސްކަން ދިނުމަށް ހަމަޖެހިފައި ވަނީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެންމެ ފަސޭހަކަމާ އެކު، ރައްކާތެރި ގޮތަކަށް ހިދުމަތް ދިނުމަށް ހުށަހަޅައިފައިވާ ފަރާތްތަކަށް ކަމަށެވެ.

މިހާރު ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ވަރަށް އަވަހަށް އިވެލުއޭޓުކޮށް މަދުވެގެން ދެފަރާތަކަށް އެ ހިދުމަތްދިނުމަށް ހަވާލުކުރެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. ސައިކަލް ޓެކްސީގެ ހިދުމަތް މުޅި ރާއްޖޭގައި ވެސް ފެށުމަށް ނިންމާފައިވާއިރު ރާއްޖޭގައި ސައިކަލް ޓެކްސީ ކުރާ ފަރާތްތަކުން ތިބޭނީ ވަކި ޖެކެޓެއްލައިގެން އެއީ ޑްރައިވަރުންކަން އެނގޭނެ ގޮތަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ސައިކަލަކީ މިހާރު ދިވެހިރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރަމުންދާ އެއްގަމު ދަތުރުފަތުރުގެ ވަސީލަތަށްވުމާއި، މާލެއަކީ މަގުތަކުގެ ޖާގައިގެ ދަތިކަން އޮތް ކާރުބާރުބޮޑު ތަނަކަށް ވާތީ މިޚިދުމަތަކީ މިހާރު ހުރި ސައިކަލުތަކުގެ ބޭނުން ހިފަން ލިބޭ ފުރުސަތެއްކަމުގައި މިމިނިސްޓްރީން ވިދާޅުވިއެވެ. މިގޮތުން މި ޚިދުމަތް ތަޢާރަފުވުމުން މާލޭގެ މަގުތައްފަދަ ކާރޫބާރޫ ބޮޑު މަގުތަކުގައި ހަލުވިކަމާއި ފަސޭހަކަމާއި އެކު ހެޔޮ އަގެއްގައި ދަތުރުކޮށްލުުމަށް ފުރުސަތު ލިބިގެންދާނެ ކަމުގައިވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.