ޚަބަރު

އެކައުންޓެއްގެ މަޢުލޫމާތު ޢާއްމުކުރި ބެންކުގެ ސްޓާފް ދޫކޮށްލައިފި


ކަސްޓަމަރެއްގެ މަޢުލޫމާތު ޢާއްމުކުރިކަމަށް ބުނެ، ހައްޔަރުކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ މުވައްޒަފު ޤާސިމް ޢަބްދުލްކަރީމް ދޫކޮށްލުމަށް ހައިކޯޓުން މިއަދު އަމުރުކުރައްވައިފިއެވެ.

ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗްގެ މެނޭޖަރަކަށް ކުރިން ހުރި ޤާސިމް ޢަބްދުލްކަރީމް ބަންދުގައި ބެހެއްޓުމަށް ދަށުކޯޓުން ނިންމަވާފައިވާ ނިންމެވުން ބާތިލްކުރައްވައި، އެނާ މިނިވަންކުރުމަށް ހައިކޯޓުން މިއަދު އަމުރުކުރެއްވިއިރު އެނާ ބަންދުގައި ހުންނަތާ ވަނީ ހަތަރުމަސްވެފައެވެ. އަދި އެނާގެ ބަންދުގެ މުއްދަތު ބާރަ ފަހަރެއްގެ މަތިން ކުރިމިނަލް ކޯޓުން އިތުރުކޮށްދެއްވާފައިވެއެވެ.

ދަށުކޯޓްގެ ނިންމެވުން ބާތިލްކުރައްވައި، މިއަދު ހައިކޯޓުން އިއްވެވި ހުކުމްގައި ވަނީ ހެކި ނައްތާލާފާނެކަމަށް ބައްލަވައި، ގާސިމްގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން އިތުރުކޮށްދެއްވާފައި ވީނަމަވެސް، އޭނާ ހެކި ނައްތާލަން މަސައްކަތްކޮށްފާނެ ކަމަށް ބެލެވޭ ފަދަ އެކަށީގެންވާ ސަބަބެއް ފުލުހުން ކޯޓަށް ހުށައަޅުއްވާފައި ނުވާކަމަށެވެ.

ޤާސިމް ޢަބްދުލްކަރީމް، މިދިޔަ ފެބްރުއަރީމަހު ހައްޔަރުކޮށްފައިވަނީ މ. ސެސްނާ މުޙައްމަދު ޢައްލާމް ޢަބްދުލްލަޠީފްގެ ޙިއްޞާއޮންނަ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން އެހެން އެކައުންޓަކަށް ފަސްސަތޭކަހާސް ޑޮލަރު ޓްރާންސްފަރ ކުރި ޓްރާންސެކްޝަނެއްގެ މަޢުލޫމާތު ޢާއްމުކުރިކަމަށް ބުނެއެވެ.