ބިން ކުއްޔަށް ދީގެން އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ 4.2 މިލިޔަން ރުފިޔާއަށް އިތުރުކުރުމަށް މަސައްކަތްކުރަމުން ގެންދަވާކަމަށް އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ ކައުންސިލަށް އާމްދަނީ އިތުރުކުރެވެން އޮތް އެންމެ ފަސޭހަ ގޮތަކީ ބިން ކުއްޔަށް ދޫކޮށްގެން ކަމަށެވެ. އެގޮތުން މިހާތަނަށް 10 ބިމެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށާއި އެ ބިންތަކުން އަހަރެއްގެ މައްޗަށް 2.4 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބޭ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައިވެސް އިތުރު ބިންތަކެއް ކުއްޔަށް ދީގެން އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ އަށް 1.8 މިލިޔަން ރުފިޔާ އިތުރުކުރެވޭނެކަމަށް ރަޝީދު ވިދާޅުވިއެވެ.
އުނގޫފާރު ކައުންސިލްގެ ރައީސް ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ލޯކަލް ޓޫރިޒަމަށް ބިން ކުއްޔަށް ދޫކުރާނެ ކަމަށާއި ކައުންސިލުން އިމާރާކޮށްގެން ތަންތަން ކުއްޔަށް ދޫކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.
ޢަބްދުﷲ ރަޝީދު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވެ، ކައުންސިލްތަކުގެ އިޚްތިޞާޞުން ބޭރުން ފަޅު ރަށްރަށް ހިފުމަށް ހުޅުވާލުމުން އުނގޫފާރާ 2 ކިލޯމީޓަރު ދުރުގައި އޮތް ރ. އުނގުލުގައި ސިނާޢީ މަސައްކަތްތައް ކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ. އަދި ރ. އުނގުލު ދެއްވުމަށް ސަރުކާރުގައި މިހާރު އެދިފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"ކައިރީގައި އޮތް އުނގުލު ރަށް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން. އެ ރަށުގައި އިޤުތިޞާދީ މަސައްކަތްތަކެއް ކުރެވޭނެ. ފައިބަރާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތް އެތަނުގައި ކުރެވޭނެ. އޭރުން ރައްޔިތުން ބާރުވެރިކޮށް، ކައުންސިލަށް ލިބޭ އާމްދަނީވެސް ބޮޑު ތަނުން އިތުރުކުރެވޭނެ." އުނގޫފާރު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ، ކައުންސިލްތައް ބާރުވެރިކުރުވައި، ކައުންސިލްތަކަށް އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދިނުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކައުންސިލްތަކުގެ އިޚްތިޞާޞުން ބޭރުން ފަޅު ރަށްރަށް އިޤުތިޞާދީ މަސައްކަތްތައްކުރުމަށް ކައުންސިލްތަކަށް ދިނުމަކީ އެމަނިކުފާނު ނިންމެވި މުހިންމު ނިންމެވުމެކެވެ.
މީގެ ސަބަބުން ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމަށް ކުރިން ނެތް އެތައް ދޮރެއް މިހާރު މިވަނީ ހުޅުވިފައެވެ.