ސިޔާސީ

ރާއްޖެ ބަދުނާމުކުރުމަށް ދައްކާ ވާހަކަތައް ކުށްވެރިކުރައްވައިފި


އިދިކޮޅު ސިޔާސީ ފަރާތްތަކުން ބައިނަލްއަޤްވާމީ މައިދާނުގައި، ރާއްޖެ ބަދުނާމްކޮށް، ރާއްޖެއަކީ ޓެރަރިޒަމަށް ހިތްވަރުދޭ ތަނެއްގެ ގޮތުގައި ސިފަކޮށް، ރާއްޖޭގެ ތަޞައްވުރު ހުތުރުކުރުމަށް ދައްކާ ވާހަކަތައް ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފިއެވެ.

އެކަމަނާ ވަނީ މިއީ ޒިންމާދާރުކަން ކުޑަ، ދިވެހި ރައްޔިތުންނަށް ނިކަމެތިކަން ގެނައުމަށް ދައްކާ ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވައި، އެވާހަކަތައް ވަރަށް ބޮޑަށް ކުއްވެރިކުރައްވާފައެވެ.

ޓެރަރިޒަމް ހުއްޓުވުމަށް ރާއްޖޭގެ އެތެރެއިންނާއި، އަދި ބޭރުގެ ޤައުމުތަކާ ގުޅިވަޑައިގެން ފުޅާ ދާއިރާއެއްގައި ދިވެހިސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކައުންޓަރ ޓެރަރިޒަމް ސެންޓަރެއް އުފައްދަވައި، އެ ސެންޓަރުން ގިނަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. މި މަސައްކަތަކުގެ ތަފްޞީލްތައް ދިވެހިރައްޔިތުންނާ އެ ސެންޓަރުން އަންނަނީ ޙިއްޞާކުރައްވަމުންނެވެ. ރާއްޖޭގައި ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކާއި ދިވެހިން ބައިވެރިވެގެން ބޭރު ޤައުމުތަކުގައި ހިނގާ ކަންކަން ހުއްޓުވަން ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން ގެންދަވަނީ އަޅުއްވަމުންނެވެ. އަދި ޓެރަރިސްޓް ޖަމާޢަތްތައްކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓެއް އެކުލަވާލައްވައި، ޓެރަރިޒަމް މަނާކުރުމަށް ހަރުކަށި ޤާނޫނުތަކެއް ރާއްޖެއިން އަންނަނި ތަންފީޒްކުރަމުންނެވެ. ޓެރެރިޒަމާއި، ހައްދުފަހަނައަޅައިދިއުމުގެ ޢަމަލުތަކާ ދިވެހި ސަރުކާރުން ދެކޮޅުކަމަށާއި، އެކަން ނައްތާލުމަށް ރާއްޖޭގެ ފަރާތުން ވެދެވެން އޮތް އެންމެ ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ މައިދާނަށް ޔަޤީންކަން ދެއްވާފައެވެ.

img:http://s4.psmnews.mv/images/660x400/5320.jpg|އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން އާއި ޚާރިޖީ ވަޒީރު ދުންޔާ މައުމޫނާ - ފޮޓޯ: އދ

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަމާޒަކީ، ރާއްޖޭގެ މިނިވަންކަމާއި މި ސަރަޙައްދުގެ ރައްކާތެރިކަން ދަމަހައްޓައި، ރާއްޖޭގެ ޤައުމީ ސިޔާދަތު ޙިމާޔަތްކޮށް ކުރިއެރުވުންކަމަށް ވާއިރު، ރާއްޖެއަކީ ޓެރަރިޒަމާ ގުޅުންހުރި ވަރަށް ގިނަ ކަންތައްތަކެއް ހިންގާ، ޓެރަރިޒަމާބެހޭ ސެންޓަރުތައް ހިންގާ ތަނެއްކަމަށް ދޭހަވާގޮތަށް އިދިކޮޅު ފަރާތްތަކުން ބައިނަލްއަޤްވާމީ މައިދާނުގައި ދައްކަވާ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވަރަށް ހިތާމަހުރި ވާހަކަތަކެއްކަމަށް ބަޔާންކުރައްވައި، ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ، އެކަމުގެ ސަބަބުން ރާއްޖޭގެ ތަސައްވުރު ކިނލަބުވެ، ފަތުރުވެރިކަމަށް ވަރަށް ބޮޑު ގެއްލުންތަކެއް ލިބެމުންދާކަމަށެވެ. މި ގޮންޖެހުންތަކާއެކުވެސް ރާއްޖެއިން ވަރަށް ސާބިތުކަމާއެކު އެކަންކަމާ ކުރިމަތިލައި، އެކަމުގައި ދެމިތިބޭކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.

ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވާން ދާ ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ދީނީގޮތުން ވަކި ވިސްނުމެއް ގެންގުޅޭ ބައެއް ނޫންކަމަށާއި، މިހާތަނަށް ހައްދުފަހަނައަޅާފައިވާ ހަރުކަށި ޖަމާއަތްތަކާ ގުޅިގެން ހަނގުރާމައަށް ގޮސްފައިވާކަމަށް ބެލެވެނީ 49 ކަމަށް ދާދިފަހުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރުވެސް ވަނީ ވިދާޅުވެފައެވެ.

img:http://s2.psmnews.mv/images/660x400/14608847622621.jpg|ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު (ވ) ޒަކަރިއްޔާ މަންސޫރު (ކ) - ފޮޓޯ: ޕީއެސްއެމް ނިއުސް

މިއީ އެހެން ޤައުމުތަކާ އަޅާބަލާއިރު މަދުޢަދަދެއްކަން ކައުންޓަރ ޓެރެރިޒަމް ސެންޓަރުންވެސް ފާހަގަކުރައްވައެވެ. ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކަށް މީހުން ރެކްރޫޓްކުރާ ޖަމާޢަތްތަކާއި ނެޓްވޯކްތައް ނޫޅޭކަމަށާއި، އެފުރުޞަތު ރާއްޖޭގައި ނުދެއްވާނެކަމަށް ސަރުކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެންކަމުން ދީނީ އަދި ސިޔާސީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރު ގެންގުޅޭ މީހުން ދެނެގަތުމަށް ބޭސްލައިން ސްޓަޑީއެއް ހައްދަވަމުން ގެންދަވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމާ ބެހޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ބަޔާންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ވަނީ ކަރުދާހެއްވެސް ހުށައަޅުއްވާފައެވެ. މިކަރުދާސް ހުށައެޅުއްވީ، ޓެރަރިޒަމާ ހައްދުފަހަނަޅައިދިޔުމަކީ، މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމުގައިވެފައި، މިއީ ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލައަކަށްވާތީއެވެ. މި ކަރުދާހުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މިކަމަކީ މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ ބިރުވެރި، ނުރައްކާތެރި މައްސަލައަކަށްވާއިރު، މިކަމުގައި ރާއްޖެއިން މިހާރުވެސް އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ގެންދިޔަނަމަވެސް، މިހާރު އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިންނާއި، އަދި ޤާނޫނީ އޮނިގަނޑު އިޞްލާޙުކޮށްގެންވެސް، އިތުރު އަވަސް ފިޔަވަޅުތަކެއް އަޅުއްވަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

img:http://s3.psmnews.mv/images/660x400/14615774438191.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް / ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ނަން ކިލަނބުކޮށް، ރާއްޖެއަށް ދަތިކުރުމަށް އެކިފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާތީ، ކަންކަމުގެ ޙަޤީޤަތް ސާފުކޮށްދީ، ބޭރު ދުނިޔޭގައި ރާއްޖޭގެ ތަޞައްވުރު ރަނގަޅުކުރުމަށްޓަކައި ގިނަ އަދަދެއްގެ ފައިސާއާއި ވަގުތު ހޭދަކުރަން ސަރުކާރަށް ވަނީ މަޖުބޫރުވެފައިވާކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވެސް ވަނީ މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ކުށުގެ ވެށީގައި އުޅޭ ޒުވާނުން މަދުކޮށް ޓެރަރިޒަމާއި އެނޫންވެސް ހައްދުފަހަނައަޅައިދިއުމުގެ ކަންކަން ހުއްޓުވުމަށް ސަރުކާރުން އެންމެބޮޑު އަހަންމިއްޔަތުކަމެއް ދެއްވަމުން މިގެންދަވަނީ، ޒުވާނުން ބާރުވެރިކުރެއްވުމަށެވެ. ޒުވާނުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރައްވައި، އިޖްތިމާޢީ ހަމަޖެހުން ޤާއިމްކޮށްދެއްވައި، ޒުވާން ވިޔަފާރިވެރިން އުފެއްދުމަށާއި، ޒުވާން މަސްވެރިންނާއި އޮޑިވެރިން އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގެންދަވަނީ ކުރައްވަމުންނެވެ. މީގެ އިތުރުން ޒުވާނުންނަށް ގެދޮރުވެރިކުރުވުމުގެ ސިޔާސަތުތަކެއް އެކުލަވާލައްވާ ތަންފީޒުކުރައްވަމުން ގެންދަވާއިރު ޒުވާނުނަނަށް ޚާއްޞަ ސިޓީއެއް ގެންދަވަނީ ބިނާ ކުރައްވަމުންނެވެ.