ރާއްޖޭގައި ކުރިއަށްދާ ފުރަތަމަ އޭޝިއާ ޓެނިހުގެ ރޭންކިން މުބާރާތް ކަމަށްވާ ދިރާގު އޭޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަންގެ 16 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ރާއްޖޭގެ އާރާ އާސަލް އާޒިމް ހޯދައިފިއެވެ.
މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އާރާ ހޯދީ މިއަދު ހެނދުނު ކުޅުނު މުބާރާތުގެ ފައިނަލުގައި ރާއްޖޭގެ ނަޔާރާ އުސާމާ އާއި ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ސެޓު އާރާ ކާމިޔާބުކުރީ ނަޔާރާއަށް އެއްވެސް ފުރުސަތެއް ނުދީ 6-0 އިންނެވެ. ދެވަނަ ސެޓު ވާދަވެރިކޮށް ދިޔަ ނަމަވެސް މި ސެޓު އާރާ ވަނީ 6-4 އިން މި ސެޓު ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ ފައިނަލަށް އާރާ ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައ ކަޒަކިސްތާންގެ އަރުޒްހާން ބަޔަލީނާ 6-3 އަދި 6-2 އިން ބަލިކޮށްގެންނެވެ. އަދި ނަޔާރާ ފައިނަލަށް ދަތުރުކުރީ ލާރާ އަތުން ފަސޭހަކަމާއެކު ސީދާ ސެޓުން މެޗު ކާމިިޔާބުކޮށްގެންނެވެ. އެއީ 6-0 އަދި 6-1 އިންނެވެ.
މީގެ އިތުރުން މުބާރާތުގެ ޑަބަލްސް އިވެންޓުތަކުގެ ތެރެއިން އަންހެން ޑަބަލްސް ފައިނަލަށް ރާއްޖޭގެ އާރާ އާސަލް އާޒިމް އާއި ނަޔާރާ އުސާމާ އަލީގެ ޕެއާ ވަނީ ދަތުރުކޮށްފައެވެ. މި ޕެއާ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ކަޒަކިސްތާނުގެ އަރޫޒާން ބަޔާލިނާ އާއި ރާއްޖޭގެ އައިޝަތު ލިވިއާ ޚަތީރް އާއި ވާދަކޮށް ތިން ސެޓު ކުޅެގެންނެވެ. މި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރެވެ.
ޖުމްލަ 30 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ 15 ކުޅުންތެރިން ހިމެނެއެވެ. މުބާރާތުގައި އޭޝިއާ ބައްރުގެ ކަޒަކިސްތާނާއި ޗައިނާއާއި އިންޑިއާގެ ކުޅުންތެރިން ހިމެނެވެ. މީގެ އިތުރުން އިންގްލަންޑް އާއި ބްރެޒިލްގެ ކުޅުންތެރިންވެސް ވާދަކުރެއެވެ.