ޚަބަރު

މާލެއާއި ހުޅުލެއާ ދޭތެރެއަށް ދޯންޏެއް އަޑިއަށް ހިނގައްޖެ


ހުޅުލެއިން މުދާ ބަރުކޮށްގެން މާލެއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ހުޅުލެއާއި މާލެއާއި ދެމެދަށް އަޑިއަށް ހިނގައްޖެއެވެ.

މި ހާދިސާ ހިނގިއިރު، މި ދޯނީގައި ދިވެއްސަކާއި، 3 ބިދޭސީން ތިބި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މި ދޯނި އަޑިއަށްދިއުމާ އެކު، މި ދޯނިން ދަތުރު ކުރަމުންދިޔަ މީހުން އެސަރަޙައްދުން ދަތުރު ކުރި ލޯންޗަކަށް ނަގާފައިވާކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ދޯނި އަޑިއަށްދިޔަ އިރު، 600 ކޭސް ކުކުޅު އެދޯނީގައި ހުރިކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވީ، އެހާދިސާ ހިނގި ކަމުގެ މަޢުލޫމާތު ރިޕޯޓުކޮށްފައިވަނީ މެންދުރު 2:00 ހާއިރު ކަމަށެވެ. ރަމްޒީ ނަމަކަށްކިޔާ 49 ފޫޓުގެ މި ދޯނި އަޑިއަށް ގޮސްފައިވަނީ، ހުޅުލެއިން މުދާ ބަރުކޮށްގެން މާލެ ދަތުރު ކުރަނިކޮށް ރާޅެއް ޖެހުމުގެ ސަބަބުން ދޯނީގެ ފަހަތް ދިޔަވުމާ ގުޅިގެންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.