ބޭރު ފައިސާއާބެހޭ ކަންކަން ހަރުދަނާކުރުމަށް އެކުލަވާފައިވާ ބޭރު ފައިސާއާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ބޭރު ފައިސާއާބެހޭ ބިލު އެކުލަވާލީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއާއި ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެންނެވެ.
ބޭރު ފައިސާއާ ބެހޭ ބިލުގައިވާ ގޮތުން ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، ނުވަތަ އެ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %20 ބޭންކިން ނިޒާމުގެތެރެއިން މާރުކުރަންޖެހޭނެއެވެ. އަދި ރިސޯޓުތައް ފިޔަވައި، ރާއްޖޭގައި ހިންގާ ގެސްޓު ހައުސްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އުޅަނދުތަކާއި އެނޫންވެސް ތަންތަނަށް އަންނަ ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އެތަނަކަށް މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ ޢާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭނެއެވެ.
ބޭރު ފައިސާއާ ބެހޭ ބިލު ހުށަހެޅުއްވީ ހޯމަ ދުވަހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ. ބިލުގެ ބަހުސް މަރުހަލާ ކުރިއަށް ދިޔައީ އަންގާރަ ދުވަހުގެ ޖަލްސާގައެވެ. އަދި މި ބިލަށް މެންބަރުން ބަހުސްކުރުމަށްފަހު ވަނީ މަޖިލީހަށް ބިލު ބަލައިގަނެ ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވިއެވެ.
ބިލު ދިރާސާކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީ ސިއްރުން ކުރިއަށްގެންދިޔައިރު ކޮމިޓީގައި ބޭރު ފައިސާއާ ބެހޭ ބިލު ފާސްކުރީ ބައެއް ބަދަލުތައް ގެނައުމަށްފަހުގައެވެ.
ޕީއެސްއެމް ނިއުސްއަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤު ވިދާޅުވީ ބިލަށް ކުދި ބަދަލުތަކެއް ގެނައި ނަމަވެސް ބޮޑު ދެ ބަދަލެއްގެ ގޮތުގައި ގެނައީ ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން 12 އަހަރަށް މަތިކުރުމާއި ރިސޯޓަކަށް މާލީ ދައްޗެއްވާނަމަ ރިސޯޓަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓަށްވުރެ މަދުން މާރުކުރަން އިޚުތިޔާރު ދިނުން ހިމެނޭ ކަމަށެވެ. އަދި އެ ލުއި ދެވޭނީ އެކަން އެމްއެމްއޭއިން ކޭސް ރިވިއުކުރުމަށްފަހުކަމަށްވެސް އަޒާން ވިދާޅުވިއެވެ.
ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ޤައުމީ ވިސްނުމެއްގައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.