ޚަބަރު

އޮމާނާއެކު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރަން މަޝްވަރާކޮށްފި


  • ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ އޮމާންގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާފައި

  • ތަޢުލީމާއި އިންވެސްޓްމެންޓްގެ ދާއިރާއިންވެސް ގުޅުންބަދަހިކުރަން މަޝްވަރާކުރެއްވި

އޮމާނާއެކު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމަށް ދިވެހިރާއްޖެއިން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވަފައިވަނީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އޮމާނަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސަޢީދީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ އޮމާންގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށެވެ. އެގޮތުން މި ބައްދަލުވުމުގައި ވިޔަފާރިއާއި ފަތުރުވެރިކަމާއި ތަޢުލީމާއި އިންވެސްޓްމެންޓްގެ ދާއިރާއިން ގުޅުންބަދަހިކުރުމަށް މަޝްވަރާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު އޮމާންކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ މާލީ ވަޒީރު ސުލްޠާން ބިން ސާލިމް ބިން ސާޢިދު އަލް ހަބްސީއާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހި ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުތަކާއި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާއި ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރެވިދާނެ އެކި ދާއިރާތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އޮމާނަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސަޢީދީގެ ދަޢުވަތަކަށްކުރައްވާ ދަތުރުފުޅެކެވެ. ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

މި ދަތުރުފުޅުގައި ވަޒީރާއެކު ސެކްރެޓަރީ ބައިލެޓަރަލް، ޑރ. ހާލާ ހަމީދާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ ބައިވެރިވެވަޑައިގަންނަވައެވެ.