ދީން

ބިމާއި ކައުނުގެ ނިމުން އައުމުގެ ކުރިން އެކަމަށް ތައްޔާރުވާންޖެހޭ


ބިމާއި ކައުނުގެ ނިމުން އައުމުގެ ކުރިން އެކަމަށް ތައްޔާރުވެ، އިސްލާމްދީނުގެ އަޤީދާ ހެޔޮގޮތުގައި ޤަބޫލުކޮށް، އިސްލާމްދީނުގައި އަންގަވާފައިވާ ރުކުންތައް އަދާކޮށް، މީހުންނަށް ހެޔޮކޮށް ހިތުމަށް ދީނީ ޢިލްމުވެރިޔާ އަދި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، މައުމޫން ފައުޑޭޝަންގެ ފަރާތުން ރޭ ބޭއްވި އިޙްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މައުމޫން ފައުންޑޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ އިޙްޔާ ފޯރަމްގައި، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ވާހަކަފުޅު އަލިއަޅުއްވާލައްވާފައިވަނީ "ޤުރުއާނާއި ސައިންސްގެ އަލީގައި ކައުނުގެ ނިމުން" މި މައުޟޫޢުގެ މައްޗަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައިވަނީ، ޤުރުއާނުގެ އާޔަތްތަކުންނާއި، ސައިންސްވެރިންގެ ހޯދުންތަކުން ބިމާއި ކައުނުގެ ނިމުން އަންނާނެ ގޮތުގެ މައްޗަށް ބައްލަވާލައްވާފައެވެ. އެގޮތުން ޤިޔާމަތްދުވަސް އަންނާނެ ވަގުތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާއަށްކަން ކީރިތި ޤުރުއާނުގެ އެކި އާޔަތްތަކުން އެނގެން އޮންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ބިމުގެ ނިމުން 3 ގޮތަކަށް އަތުވެދާނެކަމަށް ސައިންސްގެ ދިރާސާތަކުން ފެންނަކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ މިކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން ބިން ހަލާކުވެގެން ހިނގައިދާނެ ގޮތްތަކާމެދު ސައިންވެރިން ދެކޭގޮތުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި، މީގެ ތެރެއިން އެއް ގޮތްކަމަށްވާ، ދުނިޔެ ނުވަތަ ބިމުގެ ކައިރިން ދަތުރު ކުރަމުންދާ އެސްޓެރޮއިޑެއް ބިމުގައި ޖެހިއްޖެނަމަ ބިމަށް ލިބިދާނެ ގެއްލުމަކާމެދު ސައިންވެރިން ދެކޭ ގޮތް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ބައެއް މުސްލިމް ފަލަކީ ޢިލްމުވެރިންނާ ޙަވާލާދެއްވައި، އެމަނިކުފާނު ވިދާޅުވީ، ބިން ހަލާކުވެގެންދާނީ ބާރަށް ދަތުރުކުރާ އެއްޗެއް ބިމުގައި ޖެހިގެންކަމަށާއި ކީރިތި ޤުރުއާނުން މިކަމަށް ބާރުދޭކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، ޤިޔާމަތްވާނެ ވަގުތަކީ ޣައިބުގައިވާ ކަމެއްކަން ހަނދުމަކުރުމަށާއި، އަބަދުވެސް އެކަމަށް ތައްޔާރުވެ ތިބުމަށް ގޮވާލައްވަމުންނެވެ. އަދި އެމަނިކުފާނު ވަނީ، އަވަހަށް އިޞްލާޙުވެ، އިސްލާމްދީނުގެ ޢަޤީދާ ހެޔޮގޮތުގައި ޤަބޫލުކޮށް، އިސްލާމްދީނުގައި އަންގަވާފައިވާ ރުކުންތައް އަދާކޮށް، މީހުންނަށް ހެޔޮކޮށް ހިތުމަށް ނަޞޭހަތްތެރިވެ ވަޑައިގެންފައެވެ.