ޚަބަރު

ސޫރިޔާގެ އިންތިޤާލީ ބޮޑުވަޒީރަކީ މުޙައްމަދު އަލް-ބަޝީރް


ސޫރިޔާގެ ވެރިކަން ވައްޓައިލުމަށް ފަހު އިންތިޤާލީ ސަރުކާރެއް ޤާއިމުކޮށް، އެ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ މަޤާމާ މުޙައްމަދު އަލް-ބަޝީރް ޙަވާލުވެއްޖެއެވެ. ބަޝީރަކީ ސޫރިޔާގެ ގިނަ ރައްޔިތުން ދަންނަ މީހަކަށް ނުވި ނަމަވެސް، ސޫރިޔާގެ ހުޅަނގުއުތުރުގައި ހަތިޔާރު އެޅި ޖަމާޢަތްތަކުން އެކުވެ ޤާއިމު ކޮށްފައިވާ ސަރުކާރުގެ ވެރިޔަކީ ވެސް އޭނާއެވެ. ޙުކޫމާތު އަލް-އިންޤާޒު އަލް-ސޫރިއްޔާ ނުވަތަ ސީރިޔަން ސެލްވޭޝަން ގަވަރމެންޓް (އެސްއެސްޖީ) އުފައްދާފައި ވަނީ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ބައިވެރިވުމާ އެކުގައެވެ.

އެޗްޓީއެސަކީ ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އަލް-ޤާޢިދާއާ ގާތް ގުޅުންތަކެއް ބާއްވަމުން ދިޔަ ޖަމާޢަތެކެވެ. އަލް-ޤާޢިދާއާ މިިހާރު ގުޅުމެއް ނެތް ކަމުގައި އެޗްޓީއެސުން ބުނި ނަމަވެސް، އެއީ ތުރުކީވިލާތް، އެމެރިކާ އަދި އދން ވެސް ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުގައި ހިމަނާފައިވާ ޖަމާޢަތެކެވެ. ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވެއްޓުނީ އެޗްޓީއެސުން ހިންގި އަސްކަރީ ޙަރަކާތުގައި ވެރިރަށް ދިމިޝްޤް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންދިޔުމުންނެވެ.

އަސަދް މޮސްކޯގެ ޙިމާޔަތުގައި

އެޗްޓީއެސްގެ ހަނގުރާމަވެރިން ދިމިޝްޤަށް އަރައިގަތުމާ އެކު، އަސަދު ވަނީ އޭނާގެ ޢާއިލާއާ އެކު ރަޝިޔާއަށް ދަތުރު ކުރައްވާފައެވެ. އަދި، މޮސްކޯއިން ޙިމާޔަތް ހޯއްދަވާފައެވެ. އެޗްޓީއެސް އަދި ހަނގުރާމަވެރިންގެ ޖަމާޢަތްތަކާ ވެރިކަން ޙަވާލު ކުރައްވަން ވެސް އަސަދު ވަނީ ނިންމަވާފައެވެ. ނަމަވެސް، ވެރިކަން ބަދަލު ކުރުމުގެ މަޝްވަރާތައް އދގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔުމަކީ އޭނާގެ މުހިންމު ޝަރުޠެކެވެ.

ސޫރިޔާގެ އިންތިޤާލީ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ބަޝީރު ޙަވާލުވެފައި މި ވަނީ، އެޗްޓީއެސްގެ ރުހުމާ އެކުގައެވެ. އޭނާ ބުނީ، 2025 މާރިޗު 1ވަނަ ދުވަހާ ޖެހެންދެން އޭނާ އެ މަޤާމު ފުރާނެ ކަމުގައެވެ. "އަޅުގަނޑުމެން މިއަދު ކެބިނެޓުގެ ބައްދަލުވުމެއް ބޭއްވިން، އެ ބައްދަލުވުމުގައި އިދްލަބްގައި މަސައްކަތް ކުރަމުން ދިޔަ ސެލްވޭޝަން ގަވަރމެންޓް [އެސްއެސްޖީ] އަދި ވެއްޓުނު ސަރުކާރުގެ އިސްވެރިން ބައިވެރިވި،" އޭނާ ބުންޏެވެ. އެ ބައްދަލުވުމުގެ ބޭނުމަކީ ސަރުކާރުގެ ރަސްމީ ލިޔެކިޔުންތައް ބަދަލު ކުރުމާއި މުއައްސަސާތައް ވަގުތީ ސަރުކާރާ ޙަވާލުކުރުން ކަމުގައި ވެސް އޭނާ ބުންޏެވެ.

އަސަދުގެ ވެރިކަން ވައްޓައިލުމަށް އެޗްޓީއެސްގެ ހަނގުރާމަވެރިން ދިމިޝްޤަށް އެރުމާ އެކު އެ ރަށަށް ހިމޭން ކަން ވެރިވެގެން ދިޔަ ނަމަވެސް، ބަންދު ކޮށްފައިވާ ބޭންކުތަކާއި ފިހާރަތަކާއި ވިޔަފާރިތައް މިހާރު ވަނީ ހުޅުވަން ފަށާފައެވެ. އަދި، ޢާންމުން ވަނީ މަގުތަކުގައި ހެލިފެލިވެ އުޅެން ފަށާފައެވެ. މަގުތަކުން ފެންނަމުން ދިޔަ އެޗްޓީއެސްގެ ހަނގުރާމަވެރިންގެ އަދަދު މަދުވާން ފަށާފައިވާ ކަމުގައި ވެސް އެ ރަށުގެ ރައްޔިތުން ބުންޏެވެ. އެޗްޓީއެސާ ގުޅުން އޮންނަ ފުލުހުންނާއި ސިފައިންނަށް ރަށްތަކުގައި އަމަން ބެލެހެއްޓުމުގެ ޒިންމާ ޙަވާލު ކުރުމަށް ވެސް އެޗްޓީއެސުން ވަނީ ނިންމާފައެވެ.

މިނިވަން ކަން ކަށަވަރު ކޮށްދިނުމަށް އެމެރިކާއިން ގޮވައިލުން

ސޫރިޔާގެ އިންތިޤާލީ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ބަޝީރް ޙަވާލުވުމާ ގުޅިގެން އެމެރިކާއިން ވަނީ ސޫރިޔާގެ ވެރިކަން ބަދަލު ކުރުމުގެ ކަންކަމަށް އެއްބާރުލުން ދޭނެ ކަމުގައި ބުނެފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވީ ބަޝީރުގެ ބެލުމުގެ ދަށުން ދީނީ މިިނިވަން ކަން ކަށަވަރު ކޮށްދޭ އަދި ސޫރިޔާގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮތް އައު ސަރުކާރެއް އެކުލަވައިލާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރުގެ ނައިބު ޖޮން ފައިނަރ ވިދާޅުވީ، ސޫރިޔާގެ ވެރިކަމާ ޙަވާލުވެފައިވާ ހަނގުރާމަވެރިންނާ މަޝްވަރާ ކުރެވޭނެ ގޮތްތަކެއް ވޮޝިންގޓަނުން ހޯދަމުންދާ ކަމުގައެވެ. މި ވަގުތު އެޗްޓީއެސާ އެކު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކުރުމާ ގުޅޭ ގޮތުން އެމެރިކާގެ ސިޔާސަތު ހާމަ ކުރައްވަން އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިޔު މިލަރ ވަނީ ދެކޮޅު ހައްދަވާފައެވެ. އެ ލިސްޓުގައި ހިމެނޭ އެއްވެސް ގުރޫޕަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމެރިކާގެ ޤާނޫނުތަކުން މަނާކުރާ ކަމެކެވެ.

"ހަނގުރާމަވެރި ޖަމާޢަތްތަކުން އެހެން ޤައުމުތަކުގެ ވެރިކަން ފުރޮޅައިލުމަށް ފަހު ކަން ކޮށްފައިވާ ގޮތް އަޅުގަނޑުމެން ދުށިން، މައިނޯރިޓީއަށް އިޙުތިރާމު ކުރާނެ ކަމަށާއި ދީނީ މިނިވަންކަމަށް އިޙުތިރާމު ކުރާނެ ކަމަށް ވަޢުދުވެފައި، އެ ވަޢުދުތައް ފުއްދަން އެ ގުރޫޕުތަކުން ވަނީ ފޭލުވެފައި،" މިލަރ ވިދާޅުވިއެވެ. ސޫރިޔާގެ އައު ސަރުކާރުން ދީނީ މިނިވަން ކަން ޤާއިމު ކޮށްދިނުމަށް ބާރު އަޅަމުންދާ މިންވަރު ބްލިންކަނާއި މިލަރގެ ބަސްފުޅުތަކުން ހާމަވެގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ޞަޔިދިނަޔާ ޖަލުގައި ތިބި މީހުން މިނިވަން ކުރުން

އަސަދު ސަރުކާރު ވެއްޓުމާ އެކު ދިމިޝްޤުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ރަށުގެ އުތުރުގައި އޮންނަ ޞަޔިދިނަޔާ ޖަލު ކައިރިއަށް އެއްވެ، އެ ތަނުގައި ހައްޔަރު ކޮށްފައި ތިބި ގިނަ އަދަދެއްގެ ބަޔަކު މިނިވަން ކޮށްފައެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ތުހުމަތު ކުރާ ގޮތުގައި، އެ ޖަލުގައި ހައްޔަރު ކޮށްފައި ތިބި މީހުންނަށް އަސަދުގެ ސަރުކާރުން ދިޔައީ ލާއިންސާނީ އަނިޔާތައް ކުރިމަތި ކުރަމުންނެވެ. އެ ތަނުގައި ހައްޔަރުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު ވީނުވީއެއް ނޭނގި މަރުވެފައިވާ ކަމުގައި ވެސް އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ޖަމުޢިއްޔާތަކުން ތުހުމަތު ކުރެއެވެ.

އެމެރިކާގެ އިސްތިޢުމާރީ ސިފައިން ދެމިތިބޭނެ

އިންތިޤާލީ މަރުޙަލާގެ ތެރެއިން ސޫރިޔާއަކީ ނިރުބަވެރި ޖަމާޢަތްތަކުގެ ބާރު ހިނގާ ޤައުމަކަށް ވިޔަ ނުދިނުމަށް ވެސް ބްލިންކަން ގޮވައިލައްވާފައިވެއެވެ. އަދި، އެ ޤައުމުގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި ހުރި ކެމިކަލް އަދި ބަޔޮލޮޖިކަލް ހަތިޔާރުތައް ރައްކާތެރި ކަމާ އެކު ނައްތައިލުމަށް ވެސް އޭނާ ވާނީ ގޮވައިލައްވާފައެވެ. ފައިނަރ ވިދާޅުވީ، ސޫރިޔާގެ ހުޅަނގުއުތުރުގައި ނިރުބަވެރި ޖަމާޢަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ފޮނުވާފައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން އެ ޤައުމުގައި ދެމިތިބޭނެ ކަމުގައެވެ. ސޫރިޔާގެ ހުޅަނގުއުތުރުގެ ބައެއް ސަރަޙައްދުތައް އޮތީ، އެމެރިކާއިން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ކަރޑިޝް ސީރިޔަން ފޯސަސް (އެސްޑީއެފް)ގެ ބާރުގެ ދަށުގައެވެ.

އަސަދުގެ ޝަރިޢަތް ހިންގުމާ ރަޝިޔާ ދެކޮޅު

އަސަދާއި އޭނާގެ ޢާއިލާއަށް ރައީސް ވްލަޑިިޔަރ ޕުޓިންގެ ސަރުކާރުން ޙިމާޔަތް ދޭން ނިންމާފައިވާ ކަން ކްރެމްލިނުން ވަނީ ކަށަވަރު ކޮށްދީފައެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ސިރްގިޔޭ ރިޔެބްކޮފް ވިދާޅުވީ، އަސަދާއި އޭނާގެ ޢާއިލާގެ މެންބަރުން މޮސްކޯއަށް ގެންގޮސްފައި ވަނީ ރަޝިޔާގެ ޙިމާޔަތުގައި ކަމުގައެވެ. އަސަދާ ދެކޮޅަށް ޝަރިޢަތް ހިންގުމުގެ ފުރުޞަތު ސޫރިޔާގެ އައު ސަރުކާރަށް ދިނުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ "ރަޝިޔާއަކީ ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުގެ މުޢާހަދާގައި ސޮއިކޮށްފައިވާ ޤައުމެއް ނޫން" ކަމުގައެވެ.

އަސަދުގެ ސަރުކާރު ވެއްޓުމާ އެކު، ޔަހޫދީން ވަނީ ދަނޑިވަޅުގެ ބޭނުން ހިފައި، ސޫރިޔާގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކުރުމުގެ މަސައްކަތް ފަށާފައެވެ. މި ގޮތުން، ޒަޔަނިސްޓު ދައުލަތާއި ސޫރިޔާ ގުޅޭ ސަރަޙައްދީ ރޮނގުގެ ބައެއް ސަރަޙައްދުތަކަށް ޔަހޫދީ ސިފައިން ވެރިވެގަނެފައިވާއިރު، ޔަހޫދީ ފައުޖުން ދަނީ ސޫރިޔާގެ އަސްކަރިއްޔާގެ އަމާޒުތަކަށް ނިރުބަވެރި ޙަމަލާތައް ވެސް އަމާޒު ކުރަމުންނެވެ. އެއީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ އަމަލެއް ކަން ފާހަގަކޮށް ތުރުކީވިލާތާއި، މިޞްރާއި، ޤަޠަރުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއިން ވަނީ ޔަހޫދީންގެ އަމަލުތައް ކުށްވެރި ކޮށްފައެވެ.