ޚަބަރު

އޭދަފުށީގެ ގޯލްކީޕަރަށް އެއް އަހަރުގެ ސަސްޕެންޝަނާއެކު ޖޫރިމަނާއެއް


މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ބ. އޭދަފުއްޓާއި ކ. މާފުށި ބައްދަލުކުރި މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި މާފުށީގެ ކެޕްޓަން އަށް އަޙްމަދު އަބްދުއްސައްތާރަށް އޭދަފުށީގެ ގޯލްކީޕަރު އަލީ އަޖުފާން އަމްޖަދު ކުރި ނުރައްކާތެރި ފައުލަށް ދެއްކި ރަތް ކާޑާއެކު އޭނާ އެއް އަހަރަށް ސަސްޕެންޑުކޮށް ފިޔަވަޅު އަޅައިފިއެވެ.

މިދިޔަ ހޯމަދުވަހު ކުޅުނު މި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ މާފުށިންނެވެ. މި މެޗުގައި އޭދަފުށީގެ ގޯލްކީޕަރު މި ފައުލް ކޮށްފައިވަނީ އޭރިއާ ބޭރުން މާފުށީގެ ކެޕްޓަން ކީޕަރު ކަޓުވާލުމަށްފަހު ދާން އުޅުމުގެ ތެރޭގައި ސީދާ ގަޔާ ދިމާލަށެވެ. މި ފައުލް ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ނުވަ ވަނަ މިނެޓުގެ ތެރޭގައެވެ.

މި މެޗުގައި ކުރި ނުރައްކާތެރި ފައުލާއި ގުޅިގެން ނައިންޓީ ޕްލަސް ގޯލްޑް ކަޕުގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވާ މި ނިންމުމުގައިވާ ގޮތުން ކީޕަރު ކުރި މި ފައުލަކީ "ވައިލެންޓް ކޮންޑަކްޓް" އެއް ކަމަށާއި މިކަހަލަ ކުށެއް ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށެވެ. އަދި ދަނޑުމަތީގައި ގޯލްކީޕަރު ކޮށްފައިވާ ކުށުގެ ކުޑަ ބޮޑުމިނަށް ބެލުމަށްފަހު އެ ކޮމިޓީން ވަނީ ނައިންޓީ ޕްލަސް ގޯލްޑް ކަޕުން އިންތިޒާމުކޮށް ރާވާ ހިންގާ މުބާރާތްތަކުން އެއް އަހަރުދުވަހަށް ސަސްޕެންޑުކޮށް 5000 (ފަސް ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މުބާރާތުގެ ދެވަނަ ބުރުގައި އޭދަފުށި ހިމެނެނީ ގްރޫޕް އެފް ގައެވެ. މި ގްރޫޕުގައި އޭދަފުއްޓާއެކު ދެން ހިމެނޭ ޓީމަކީ ހއ. ދިއްދޫއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި އޭދަފުށި ކުޅޭ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ބައްދަލުކުރާނީ ހއ. ދިއްދޫއާއެވެ. އަދި މާފުށި ކުޅޭ މެޗުގައި ބުދަ ދުވަހު ބައްދަލުކުރާނީ ދިއްދޫއާއެވެ.