ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަންގެ ލެއިޕްޒިގް އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ ތިންވަނަ މަގާމް ހޯދައިފި އެވެ.
ރެޑްބުލް އެރީނާގައި ސާޅީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން އެސްޓަން ވިލާ މޮޅުވުމާއެކު އެ ޓީމަށް ވަނީ މިހާތަނަށް ކުޅުނު 6 މެޗުން 13 ޕޮއިންޓާއެކު ތިންވަނަ މަގާމް ލިބިފަ އެވެ. ޖުމްލަ 36 ޓީމު ވާދަކުރާ ލީގުގައި ލެއިޕްޒިގް އަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ތިންވަނަ މިނިޓުގައި އެސްޓަން ވިލާގެ ޖޯން މެކްގިން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް މެޗުގެ 27 ވަނަ މިނިޓުގައި ލެއިޕްޒިގްގެ ލޮއިސް އޮޕެންޑާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ދެވަނަ ހާފަށް ނިކުތްއިރު އެސްޓަން ވިލާގެ ވޮޓްކިންސްގެ ބަދަލުގައި ޖޯން ޑުރާން ވަނީ ކުޅެން އަރުވާފަ އެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ޑުރާން ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް މި މެޗުގައި އެސްޓަން ވިލާއަށް ކުރި ހޯދަދީފަ އެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ މިއީ އޭނާ މި ސީޒަނުގައި ޖެހި ހަވަނަ ލަނޑެވެ.
މި މެޗުން ޕޮއިންޓެއް ނަމަވެސް ހޯދަން މަސައްކަތް ކުރަމުންދިޔަ ލެއިޕްޒިގްގެ ކްރިސްޓޮފް ބޮމްގާޓްނަރ ވަނީ މެޗުގެ 62 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އެސްޓަން ވިލާ އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީ މެޗުން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރޮސް ބާކްލޭ އެވެ.
ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި އެސްޓަން ވިލާ އަންނަ ޖެނުއަރީ މަހު މޮނާކޯ އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުމަށްފަހު ދެން ނިކުންނާނީ އަމިއްލަ ދަނޑުގައި ސެލްޓިކް އާއި ދެކޮޅަށެވެ.