ޚަބަރު

ސާލްޒްބާގް އަތުން ޕީއެސްޖީއަށް ފަސޭހަ މޮޅެއް


ޔޫއެފާ ޗެމްޕިއަންސް ލީގުގައި އޮސްޓްރިއާގެ ސާލްސްބަރގް އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ޕީއެސްޖީ އިން ކާމިޔާބުކޮށްފި އެވެ.

ރަށުން ބޭރުގައި ޕީއެސްޖީ ކުޅުނު މި މެޗުން އެ ޓީމު މޮޅުވެފައިވާއިރު މިއީ މިދިޔަ ސެޕްޓެމްބަރ މަހަށްފަހު ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ މޮޅުވި ފުރަތަމަ ފަހަރެވެ. މި މެޗުން މޮޅުވުމާއެކު މި މުބާރާތުގައި މިހާތަނަށް ކުޅުނު ހަ މެޗުން އެޓީމަށް ލިބިފައިވާ 7 ޕޮއިންޓާއެކު ވަނީ 24 ވަނައަށް އަރާފަ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 30 ވަނަ މިނިޓުގައި ޕީއެސްޖީގެ ގޮންޒާލޯ ރާމޯސް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ޕީއެސްޖީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 72 ވަނަ މިނިޓުގައި ނޫނޯ މެންޑޭޒް ކާމިޔާބު ކޮށްދީފައިވާއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ޑިޒަޔާ ޑޯއޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި ޕީއެސްޖީ އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހަން މަގު ތަނަވަސްކޮށްދީފައިވަނީ މޮރޮކޯގެ އަޝްރަފް ހަކީމީ އެވެ.

ތަފާތު ބޮޑު ނަތީޖާއަކުން ޕީއެސްޖީ އަށް މޮޅުވާން ފުރުސަތު ލިބިގެން ގޮސްފައިވާ މި މެޗުގައި އެ ޓީމުން ފޮނުވާލި ގިނަ ހަމަލަތަކެއް މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ ސަލްސްބަރގްގެ ކީޕަރު އެލެކްޒެންޑަރ ޝްލެގަރ ވަނީ ދިފާއުކޮށްފަ އެވެ.