ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކިލިއަން އެމްބާޕޭ ޖެހި 50 ވަނަ ލަނޑާއެކު އެޓްލާންޓާ އަތުން ރެއާލް މެޑްރިޑް 3-2 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.
އެޓްލާންޓާގެ ދަނޑުގައި ކުޅުނު މި މެޗަށް ރެއާލް މެޑްރިޑް ނިކުތްއިރު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ކުޅުނު 5 މެޗުގެ ތެރެއިން ތިން މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއެކު އެ ޓީމަށް ވަނީ ހަ މެޗުން ލިބުނު 9 ޕޮއިންޓާއެކު ތާވަލުގެ 18 ވަނައަށް ޖެހިލާފަ އެވެ. އެޓްލާންޓާ އޮތީ ހަ މެޗުން 11 ޕޮއިންޓް ހޯދާ ތާވަލުގެ ނުވަވަނަ މަގާމް ގެއެވެ.
މެޗަށް ނިކުތްއިރުވެސް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ރެއާލް މެޑްރިޑްއިން މި މެޗުން ތިން ޕޮއިންޓް ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އެންޗެލޮއްޓީ ވަނީ ބުނެފަ އެވެ.
މި މެޗުގެ 10 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި އެމްބާޕޭ ޖެހި 50 ވަނަ ލަނޑެވެ. އަދި މިއީ އޭނާ ރެއާލް މެޑްރިޑާއި ގުޅުނު ފަހުން އެ ޓީމަށް ޖަހައިދިން 12 ވަނަ ލަނޑެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުމުގެ އިތުރު ވަގުތުގައި އެޓްލާންޓާ އަށް ލިބުނު ޕެނަލްޓީ އަކުން އެޓީމުގެ ޗާލްސް ޑި ކެޓެލައޭރޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއަރ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ދެވަނަ ފަހަރަށް ރެއާލް މެޑްރިޑަށް ކުރި ހޯދަދީފަ އެވެ.
އަދި އޭގެ ތިން މިނިޓް ފަހުން ޖޫޑް ބެލިންހަމް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ސެރިއާގެ އެއްވަނައިގައި މިވަގުތު އޮތް އެޓްލާންޓާ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 65 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަޑެމޯލާ ލުކްމަން އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 11 ވަނަ ލަނޑެވެ.