ޚަބަރު

އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާގެ މަގާމު ސަބަލެންކާއަށް


ދުނިޔޭގެ ޓެނިސް ޖަމްއިއްޔާ (ޑަބްލިއުޓީއޭ) އިން ހޮވާ އަހަރުގެ އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމް ފުރަތަމަ ފަހަރަށް އެރީނާ ސަބަލަންކާ ހޯދައިފި އެވެ.

ބެލަރޫސް އަށް އުފަން ސަބަލެންކާ އުމުރުން 26 އަހަރުގެ ސަބަލެންކާ ވަނީ މި ސީޒަނުގައި އޭނާ ވާދަކުރި މުބާރާތް ތަކުގެ ތެރެއިން ހަތަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ. މި އަހަރުގެ ޖެނުއަރީ މަހު ކުރިއަށްދިޔަ އޮސްޓްރޭލިއަން އޯޕަން މުބާރާތާއި ސެޕްޓެމްބަރ މަހު ނިމިގެންދިޔަ ޔޫއެސް އޯޕަން މުބާރާތުގެ ޗެމްޕިއަންކަން އޭނާ ވަނީ ހޯދާފަ އެވެ.

މީގެ އިތުރުން އެމެރިކާގައި ކުރިއަށްދިޔަ ސިންސިނާޓީ އޯޕަން މުބާރާތާއި ޗައިނާގައި ބޭއްވި ވުހާން އޯޕަން ޓެނިސް މުބާރާތްވެސް ސަބަލެންކާ ވަނީ ކާމިޔާބުކޮށްފަ އެވެ.

މި ސީޒަން ނިންމާލިއިރު ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމް ސަބަލެންކާ ހޯދާފައިވަނީ މި ސީޒަނުގެ ފަހު މުބާރާތްތަކުގައި އޭނާ ދައްކާފައިވާ މޮޅު ކުޅުމުގެ ސަބަބުންނެވެ.

ޑަބްލިއުޓީއޭ އިން ހޮވި މަގާމުތަކުގެ ތެރެއިން އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ކުރިން ދުނިޔޭގެ ދެވަނަ ކުޅުންތެރިޔާގެ މަގާމުގައި ހުރި ޕައުލާ ބެޑޯސާ އެވެ.