އީރާނުން ވާގިވެރިވާ ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ނިމުމަކަށް އައި ނަމަވެސް އީރާނުގެ ބާރު ކުޑަައެއް ނުވާނެ ކަމަށް އެ ޤައުމުގެ އިންޤިލާބީ ލަޝްކަރުގެ ކޮމާންޑަރު ޙުސައިން ސަލާމީ ވިދާޅުވެއްޖެއެވެ.
ސޫރިޔާގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ސިއްރު ބައްދަލުވުމެއްގައި އީރާނުގެ އާރާއި ބާރަށް ސޫރިޔާގެ ޙާލަތުގެ ސަބަބުން އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށް ސަލާމީ ވިދާޅުވި ކަމަށް އީރާނުގެ ނޫސްތަކުން ބުނެއެވެ.
2011ވަނަ އަހަރު ސޫރިޔާގެ އަހުލީހަނގުރާމަ ފެށުނީއްސުރެ ރައީސް އަސަދުގެ އެންމެ ގާތް މަދަދުގާރުންގެ ގޮތުގައި ޙަރަކާތްތެރިވަމުން ދިޔައީ އީރާނާއި ރަޝިޔާއެވެ. ދެ ޤައުމުން ވެސް ސޫރިޔާގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ހަނގުރާމަވެރިންނާއި ހަތިޔާރާއި ހަނގުރާމަމަތީ ވައިގެ އުޅަނދުތައް ފޮނުވަމުން ދިޔައެވެ. ވެރިކަމުގައި ދެމިހުރުމަށް އަސަދަށް އެހީތެރިވުމުގެ ގޮތުން އީރާނުން ސޫރިޔާއަށް އިންޤިލާބީ ލަޝްކަރުގެ ސިފައިން ފޮނުވީ މެދުއިރުމަތީގައި އެމެރިކާއާއި ޔަހޫދީ ދަޢުލަތުގެ ނުފޫޒު ކުޑަކޮށް އީރާނާއި ސޫރިޔާއާއި އެ ޤައުމަށް ވާގިވެރިވާ ލުބުނާނުގެ ހަނގުރާމަވެރި ޖަމާޢަތް ޙިޒްބުﷲއާއި އެހެނިހެން ހަނގުރާމަވެރި ޖަމާޢަތްތަކުގެ ބާރު ގަދަކުރުމުގެ ނިޔަތުގައެވެ.
ނަމަވެސް ރައީސް އަސަދުގެ ވެރިކަމުގެ ކުއްލި ނިމުން ވަނީ މެދުއިރުމަތީގެ އެކި ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުގެ މައްޗަށް ޢިރާނަށް އޮތް ބާރު، ޚާއްޞަކޮށް ޔަހޫދީ ދަޢުލަތާއެކު ޙަމަލާ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމުކޮށްފައިވާ ލުބުނާނުގެ ޙިޒްބުﷲގެ މައްޗަށް އޮންނަ ނުފޫޒު، ދަމަހައްޓަން ހުރަހަކަށް ވެފައެވެ.
ސަލާމީ ވިދާޅުވީ އަސަދުގެ ވެރިކަން ނިމުނު ނަމަވެސް ޔަހޫދީ ދަޢުލަތް ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތްތައް ހުއްޓާލައިފައި ނުވާ ކަމަށެވެ. ނަމަވެސް މި ވަގުތު އީރާނުގެ އެއްވެސް ސަލާމަތީ ބާރެއް ސޫރިޔާގައި ޙަރަކާތްތެރި ނުވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އަސަދުގެ ވެރިކަން ނިމުމަކަށް އައުމާ ގުޅިގެން އީރާނުގެ ދާޚިލީ ވުޒާރާއިން ވަނީ ސޫރިޔާގެ މުޖުތަމަޢުގެ ހުރިހާ ދާއިރާއެއް ތަމްސީލު ކުރާނެ މަންދޫބުން ހިމެނޭހެން އައު ސަރުކާރެއް އެކުލަވާލުމުގެ ޤައުމީ މަޝްވަރާތައް ކުރުމަށް އެ ޤައުމަށް ގޮވައިލައިފައެވެ. އީރާނުގެ ސަރުކާރުގެ ތަރުޖަމާނު ފާޠިމާ މުހާޖިރާނީ ވަނީ ސޫރިޔާގެ އިސްތިޤުލާލަށް އިޚްތިރާމުކޮށް އެ ޤައުމުގެ މުސްތަޤުބަލާމެދު ގޮތް ނިންމުމުގެ ފުރުޞަތު އެ ޤައުމުގެ ރައްޔިތުންނަށް ލިބެން ޖެހޭ ކަމަށް ބުނެފައެވެ.