އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ދިނުމަށް އެކުވެރި ޢަރަބި އިމާރާތާއި ތައިލެންޑުގެ 2 ހޮސްޕިޓަލަކާއެކު ސޮއިކޮށްފިއެވެ.
އާސަންދައިގެ ދަށުން އެކުވެރި ޢަރަބި އިމާރާތާއި ތައިލެންޑުން ޚިދުމަތް ދެވޭނެ އިންތިޒާމް ހަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ރާއްޖޭގައި ޒަމާނީ ހޮސްޕިޓަލްތަކާއި ފެންވަރު ރަނގަޅު ސިއްޙީ ހިދުމަތްތައް ޤާއިމްކުރެވެންދެން ދިވެހިންނަށް ފެންވަރު ރަނގަޅު ސިއްޙީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރައްވާނެކަމަށެވެ. އެގޮތުން މިއަހަރު އެ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފައެވެ.
ރައީސްގެ މި ވަޢުދުފުޅާ އެއްގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޔޫއޭއީގެ ހޮސްޕިޓަލަކާއި ތައިލެންޑުގެ ދެ ހޮސްޕިޓަލާއެކުގައެވެ. އެގޮތުން ޚިދުމަތް ފެށުމަށް އަބޫދާބީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ބެންކޮކްގެ ވޯރލްޑް މެޑިކަލް ހޮސްޕިޓަލާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު ބެންކޮކް ހޮސްޕިޓަލާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގައި އާސަންދައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާއެވެ.
އާސަންދަ ސްކީމުގެ ދަށުން ބޭސްފަރުވާ ހޯދަން ބަލިމީހުން ފޮނުވުމަށް މިއަދުވަނީ ޑުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ އާއެކު އާސަންދަ ކުންފުނީގެ ފަރާތުން އެއްބަސްވުމެއްގައި ސޮއިކޮށްފައި. pic.twitter.com/fBPSqCFfoG
— Aasandha Company Ltd (@AasandhaLtd) December 10, 2024
ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ބެންކޮކްގެ ވޯރލްޑް މެޑިކަލް ހޮސްޕިޓަލާއެކު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 15އިން ފެށިގެން ކަނޑައެޅޭ އުސޫލެއްގެ ތެރެއިން އެ ހޮސްޕިޓަލްތަކަށް ފަރުވާއަށް ފޮނުވަން ފަށާނެ ކަމަށް އާސަންދައިން ވިދާޅުވެއެވެ.
އާސަންދަ ސްކީމްގެ ދަށުން ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް މިވަގުތު ފޮނުވަމުންދަނީ އިންޑިއާ އާއި ސްރީލަންކާއަށެވެ.
ސަރުކާރުން ގެންދަވަނީ އާސަންދައިގެ ދަށުން ޚިދުމަތް ލިބޭ ޤައުމުތައް އިތުރުކުރުމުގެ އިތުރުން މުޅި ނިޒާމުވެސް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި އާސަންދައިގެ ޚިދުމަތް ފުޅާކޮށް، މީގެކުރިން ނުކުރެވޭ ގިނަ ފަރުވާތަކެއް އަސަންދައިގެ ދަށުން ކުރެވޭނެ އިންތިޒާމް ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ.