ޚަބަރު

މޫސުމީ ބަދަލުތަކާއި ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ސައްހަ ޑޭޓާ މުހިންމު: ވަޒީރު ޠާރިޤު


  • ޑޭޓާތަކަކީ ދިރާސާކުރުމާއި، ތިމާވެށި ދެނެގަތުމަށް އެހީތެރިވެދޭ އެއްޗެއް

މޫސުމީ ބަދަލުތަކާއި ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ސައްހަ ޑޭޓާ މުހިންމުކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރިޔާޟުގައި ބޭއްވި ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑިސަރޓިފިކޭޝަން، ޔޫއެންސީސީޑީ ކޮޕް 16 ގައި ވާހަކަފުޅުދައްކަވަމުންނެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ ޖެނުއަރީ 2024ގައި ރާއްޖޭން ރަސްމީކޮށް ގްރޫޕް އޮން އާރތް އޮބްޒަރވޭޝަންސާއި ގުޅި، ތިމާވެށި ރައްކާތެރިކަން ކުރުމުގެ ޤާބިލުކަން ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އެގޮތުން ޖީއޯ މެދުވެރިކޮށް، ތިމާވެށި މޮނިޓަރ ކުރުމުގެ ޤާބިލުކަން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދެވޭނެ ތަޖުރިބާކާރުންގެ ގްލޯބަލް ނެޓްވޯކަކާއި، އާހައްލުތައް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޖީއީއޯއާއެކު ވެފައިވާ ޕާޓްނަރޝިޕާއެކު ޒަމާނީ ޓެކްނޮލޮޖީތަކާއި ޤައުމަށް މުހިންމު އިކޯސިސްޓަމްތައް ފައިދާހުރި ގޮތެއްގައި ރައްކާތެރިކޮށް އަލުން އާލާކުރެވޭނެ މަގު ފަހިވެގެން ދާކަމަށެވެ. އެގޮތުން ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެކަށީގެންވާ ސިޔާސަތުތައް އެކުލަވާލުމަށް އިތުބާރުހުރި އަދި ފެންވަރު ރަނގަޅު ޑޭޓާ މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ މިފަދަ ޑޭޓާތަކަކީ ދިރާސާކުރާ ފަރާތްތަކަށާއި ތިމާވެށި ދެނެގަތުމަށާއި އެހީތެރިވެދޭ އެއްޗެއް ކަމަށެވެ. އަދި މިދާއިރާގައި ރާއްޖޭން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި "އާރތު އިންޓެލިޖެންސް" އާއި އެހެނިހެން އައު ގޮތްތައް ބޭނުންކޮށްގެން ޑޭޓާ އެއްކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، އެފަދަ އެހީތެރިކަމަށް މަރުޙަބާ ކިޔާ ކަމަށްވެސް ވަޒީރު ޠާރިޤު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭން ބައިވެރިވުމުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖޭން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކޮށް، މި ދާއިރާގައި ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ.