ޚަބަރު

މާރާމާރީ ހިންގުމަށްފަހު ފިލައިގެން އުޅުނު ބަޔަކު އަތުލައިގެންފި


މާލޭގައި މާރާމާރީ ހިންގުމަށްފަހު ފިލައިގެން ގޮސް، އަތޮޅުތެރޭގައި ތިއްބައި ދެމީހުން ހޯއްދަވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވައިފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރައްވާފައިވަނީ ޢުމުރުން 20 އަހަރުގެ، ދިވެހި 2 ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުންގެ އިންޓެލިޖެންސާއި، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ޙިއްޞާކުރެއްވި މަޢުލޫމާތާއެކު އެ 2 މީހުން ހައްޔަރުކުރައްވާފައިވަނީ ތ. އަތޮޅުގައި މަސައްކަތްކުރައްވާ ފުލުހުން ހިންގެވި ޚާއްޞަ އޮޕަރޭޝަނެއްގައި ތ. ގުރައިދޫ ގެއެއްގެ ތެރޭގައި ތިއްބައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި 2 މީހުން ހައްޔަރު ކުރައްވާފައިވަނީ ޖޫން 21 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ފުލުހުން ހާމަކުރައްވައެވެ. މި 2 މީހުން ހައްޔަރު ކުރުމަށްފަހު އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ޙާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅުއްވާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަޙްޤީޤު ކުރިޔަށްގެންދިއުމަށް ކޮންމެ މީހަކަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދެއްވާފައެވެ.

މި 2 މީހުންނަކީ ޖޫން 14 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ޖަނަވަރީމަގު ސޮނީ ސްޕޯޓްސް ކައިރީގައި މާރާމާރީ ހިންގައި މީހަކަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމް ކޮށްލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ހޯއްދަވަމުން ގެންދެވި 2 މީހުންކަމަށާއި މި މައްސަލަ ތަޙްޤީޤު ކުރައްވަމުން ގެންދަވާކަމަށް ފުލުހުން ވިދާޅުވެއެވެ.