ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލެއް ހިންގަން ހިތްވަރުދީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ އެކި ބޭފުޅުން ދެއްކިވާހަކަތައް ތަހުގީގުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްޤާދިރުއެވެ. 44 މެންބަރުންގެ ވޯޓާއެކު މި މައްސަލަވަނީ މަޖިލީހަށް ބަލައިގެންފައެވެ.
މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްޤާދިރު ހުށަހެޅުއްވި މިމައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހަދަންޖެހޭނީ ކުރީގެ ރައީސް މުޙައްމަދު އަމީނަށް ހެދިގޮތް ކަމަށް ބުނެ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދީ އެމްޑީޕީން އެކި ޕޯޑިއަމްތަކުގައި ވާހަކަދައްކާފައިވާތީ އެކަން ތަހުގީގުކުރުމަށް، އިދާރާތަކަށް ގޮވާލުމަށް ހުށަހެޅުއްވި މައްސަލައެކެވެ. މަޖިލީހަށް މި މައްސަލަ ހުށަހަޅާފައިވާއިރު އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލް އެޕާޓީގެ ޖަލްސާއެއްގައި ރައީސަށް ނިސްބަތްކުރައްވާ ދެއްކެވި ވާހަކަ ގިނަ ބަޔަކު ވަނީ ކުށްވެރިކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ދިވެހިންގެ ތަނަވަސް އަޣުލަބިއްޔަތަކުން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި ދައުރު ނިމޭނެ ހާލަތްތައް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު އެއާ ޚިލާފަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް އެމްޑީޕީން އެކި ޕޯޑިއަމްތަކުގައި ވާހަކަދައްކަމުންދާ ކަމަށް މެންބަރު ހަސަން މުފީދު ވިދާޅުވިއެވެ. މިއީ ވަކި ސިޔާސީ ފިކުރެއް ކުރިއަރުވައި އާންމުންގެ މެދުގައި ބިރުވެރިކަން އުފައްދައި އެހެން މީހެއްގެ ފުރާނައަށް ގެއްލުންދިނުމުގެ މަގުސަދުގައި ދައްކަމުންދާ ވާހަކައެއްކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
"މިއީ ޓެރަރިޒަމް މަނާކުރުމާބެހޭ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކުރާ ކުށުގެ އަމަލެއް ކަމަށްވާތީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި މިކަންކަން ތަހުގީގުކޮށް ފިޔަވަޅުއެޅުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައި މަޖިލީހުން މިފަދަ ގަރާރެއް ހުށަހަޅަންޖެހުނީ މިފަދަ ކަންކަން މުޖުތަމަޢުގައި ފެތުރުމަށް ދޫކޮށްލަން ބޭނުން ނުވާތީ،" މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްޤާދިރު ވިދާޅުވިއެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރިފާޢު ވިދާޅުވީ ޤާނޫނުއަސާސީގެ ދިފާއުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ މުޅި ޤައުމު ހަލަބޮލިކުރުމަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުންދިނުމަށް ދެކެވޭ ވާހަކަތައް ބަލައި ނުގަނެވޭނެ ކަމަށާއި އެފަދަ ވާހަކަތައް ދައްކާ ފަރާތްތައް ހައްޔަރުކޮށް ތަހުގީގުކުރުމަށް ރިފާއު ގޮވާލެއްވިއެވެ.
"ހާމަކަން ބޮޑުގޮތެއްގައި އެތައް ޕޯޑިއަމްތަކެއްގައި އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުންވާނެ ގޮތަށް ކަންކުރުމަށް ގޮވާލުމަކީ އެއްވެސް ހާލަތެއްގައި އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން. އަޅުގަނޑު ގޮވާލަން މިއަދުން މިއަދަށް، ވަގުތުން ވަގުތަށް އެކަންކަމަށް އެ ގޮވާލާ ފަރާތްތައް ހައްޔަރުކޮށް އެބޭފުޅުންގެ ތަހުގީގު ހިންގަން ކަމާބެހޭ ވުޒާރާތަކަށް،" މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރިފާޢު ވިދާޅުވިއެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް ވިދާޅުވީ ކުރީގެ ރައީސް އަމީން އަވާހަރަކޮށްލެއްވީ ރައްޔިތުންނަށް ދެރައެއް ދީގެން ނޫން ކަމަށާއި އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުން ލައްވާ ކުރުވި ކަމެއް ކަމަށެވެ. މިއަދު އެމްޑީޕީން ކުރަން ބޭނުންވަނީވެސް އެފަދަ ކަމެއްކަމަށާއި އެކަން ސީރިއަސްގޮތެއްގައި ތަހުގީގުކުރަންޖެހޭ ކަމަށް އަޒާން ވިދާޅުވިއެވެ.
"އެމްޑީޕީގެ ޗެއަރޕަރސަން އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ވެވަޑައިގަތުމުގެ މަސައްކަތް ކުރައްވާ ބޭފުޅަކު އެވާހަކަ އެބަދައްކަވާ. މިއީ އާދައިގެ މީހެއް ނޫން މިވާހަކަ މިދައްކަނީ. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ ވަރަށް ސީރިއަސްކޮށް މި މައްސަލަ ބަލަން. އެމްޑީޕީއަކީ އަނިޔާވެރި މާޒީއެއް އޮތް ޕާޓީއެއް،" އަޒާން ވިދާޅުވިއެވެ.
މަޖިލީހުގައި ގިނަ މެންބަރުންވަނީ ރައީސުލްޖުމްހޫރިއްޔާއާ ގުޅުވައިގެން އެމްޑީޕީގެ ޗެއަރޕަރސަން އަދި އެހެން ބައެއް މެންބަރުން ޕޯޑިއަމްތަކުގައި ދައްކާފައިވާ ވާހަކަތައް ކުށްވެރިކުރައްވާފައެވެ.