ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރުމުގެ އަމާޒުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ދެވަނަ ބުރުގައި ބ. އޭދަފުށި އަތުން ކ. މާފުށި މޮޅެއް ހޯދިއިރު، ފުވައްމުލައް ސިޓީ އާއި ތ. ތިމަރަފުށި ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
މި މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް މިއަދު ފެށިއިރު، ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ގްރޫޕް އެފްގެ މެޗުން މާފުށި މޮޅުވީ އޭދަފުށި އަތުން 2-0 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި މާފުށިން ލީޑު ނަގާފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް އަތީގު ހަސަންއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި މާފުށިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި އިސްމާޢީލް މަފާޒް އިބްރާހީމެވެ.
މި މެޗު ބެލުމަށް މާފުށީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެފައިވާއިރު، އޭދަފުއްޓަށް މި މެޗުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަދި އެ ޓީމުން މި މެޗު ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗު ނިމެން ގާތްވެފައި ވަނިކޮށް، ގޯލްކީޕަރު އަލީ އަޖުފާން އަމްޖަދަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އޭނާއަށް ރެފުރީ ރަތް ކާޑެއް ދައްކާފައިވަނީ އޭރިއާ ބޭރުން މާފުށީގެ އަޙްމަދު އަބްދުލް ސައްތާރަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް އީގައި މިއަދު ހަވީރު ފުވައްމުލަކާއި ތިމަރަފުށި ބައްދަލުކުރި ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ތިމަރަފުށިންނެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ކޯނަރަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އަލީ އިލްމާން އަޙްމަދު މޫސާއެވެ. އެކަމަކު މެޗުގެ 25 ވަނަ މިނެޓުގައި ފުވައްމުލަކުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ގާނާގެ ފޯވާޑް ކޯފީ އޮވޫސޫއެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި 12 ޓީމެއް ހިމެނޭއިރު، މި ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލާފައެވެ. ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނޭއިރު، އެ ގްރޫޕުތަކުން އެންމެ ކުރީގައި ނިންމާ ދެ ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަތައް ލިބިގެންދާނެއެވެ.