ޚަބަރު

އޭއެމްޑީސީން ޔަންގް ފިޝަރޒް ކްލަބަށް ފަސްޓް އެއިޑް ކިޓްތަކެއް


މޯލްޑިވްސް ފިޝަމަން އެސޯސިއޭޝަނުން ހިންގާ "ޔަންގް ފިޝަރޒް ކްލަބް"ގެ ތަމްރީންތަކަށް ބޭނުންވާ ފަސްޓް އެއިޑް ކިޓްތައް އޭ-އެމް-ޑީ-ސީ ކްލިނިކުން ހަދިޔާކޮށްފިއެވެ.

އޭއެމްޑީސީ ކެމިސްޓްގައި މިއަދު އޮތް ރަސްމިއްޔާތުގައި މި ކިޓްތައް ޙަވާލުކޮށްދެއްވީ އެ ކްލިނިކްގެ ސީއީއޯ އާދަމް ނަޢީމެވެ.

މޯލްޑިވްސް ފިޝަމަން އެސޯސިއޭޝަންގެ ފަރާތުން މި ކިޓްތަކާ ހަވާލުވެފައިވަނީ، އެ އެސޯސިއޭޝަންގެ ޗައަރމަން މައިޒާން އަޙްމަދު މަނިކެވެ.

ޔަންގް ފިޝަމަން ކްލަބް ޕްރޮގްރާމަކީ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށް މޯލްޑިވްސް ފިޝަމަން އެސޯޝިއޭޝަނުން އަލަށް ފަށައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ފިޝަމެން އެސޯސިއޭޝަނުން އިސްނަގައިގެން ފިޝަރީޒް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީއާއި އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނާ ގުޅިގެން ހިންގާ މި ޕްރޮގްރާމް ރާއްޖޭގެ ފަސް ސްކޫލެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ 5 ސްކޫލަކީ ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލާއި، ރ. ދުވާފަރުގައި ހުންނަ އެއަތޮޅު ތަޢުލީމީ މަރުކަޒާއި، ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތަޢުލީމީ މަރުކަޒާއި ގއ. ވިލިނގިލީގައި ހުންނަ އެއަތޮޅު ތަޢުލީމީ މަރުކަޒާއި އައްޑޫ ސިޓީ ފޭދޫ އިރުޝާދިއްޔާ ސްކޫލެވެ.