ތިމާވެށި

"ސާފު ރާއްޖޭ" ގެ ނަމުގައި ޤައުމީ މަހާސިންތާއެއް ބާއްވަނީ


ދިވެހިރާއްޖޭގައި ކުނި މެނޭޖްކުރުމާ ގުޅޭގޮތުން "ސާފު ރާއްޖޭ" ގެ ނަމުގައި ޤައުމީ މަހާސިންތާއެއް ބޭއްވެވުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ނިންމަވައިފިއެވެ.

މިމަހާސިންތާ ބޭއްވެވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ން ފެށިގެން 19 އަށް ދަރުބާރުގޭގައެވެ. ނާޒުކު ތިމާވެށްޓެއްގެ މައްޗަށް ބިނާވެގެންވާ ދިވެހިރާއްޖޭގެ ތިމާވެށްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލައެވެ. މިމައްސަލަ ރާއްޖެއަށް ކުރިމަތިވާން ފަށާފައިވަނީ ފާއިތުވި 40 އަހަރުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ތަރައްޤީއާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެންނެވެ. މިގޮތުން ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް، އޭގެ ޒާތުގައި ފަނާނުވާ ޒާތުގެ ކުނި އުފެދޭ މިންވަރު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.

ރާއްޖޭގައި ކުނި އުފެދޭ ގޮތްތަކާއި މިންވަރަށް ބަލާއިރު އެވްރެޖްކޮށް މާލޭގައި ބޮލަކަށް ދުވާލަކަށް 1.7 ކިލޯގެ ކުނި، އަދި މީހުން ދިރިއުޅޭ އެހެނިހެން ރަށްރަށުގައި ބޮލަކަށް ދުވާލަކަށް 0.8 ކިލޯގްރާމް އަދި ޓޫރިސްޓް ރިސޯޓްތަކުގައި ކޮންމެ ފަތުރުވެރިޔަކަށް ދުވާލަކަށް 3.5 ކިލޯގްރާމްގެ ކުނި އުފެދޭ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން އަންދާޒާކުރައްވައެވެ. މިއީ ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް އެވްރެޖްކޮށް ކުނި އުފެދޭ ނިސްބަތާއި ގާތްކުރާ މިންވަރެއްކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން ކުނި މެނޭޖްކުރުމަށްޓަކައި މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކަމާބެހޭ ފަރާތްތައް ބައިވެރިކުރައްވައިގެން މަހާސިންތާއެއް ބޭއްވެވުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ މަސައްކަތް ފަށްޓަވާފައެވެ.

ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރގެ ނާއިބު ޢަލީ ޢާމިރު ވިދާޅުވީ ސާފު ރާއްޖެ ޤައުމީ މަހާސިންތާ ނިމިގެންދާއިރު، ރާއްޖޭގައި ކުނި މެނޭޖްކުރާނެ ގޮތުގެ މުހިއްމު ކަންތައްތަކެއް ނިމިގެންދާނެ ކަމަށެވެ. މިގޮތުން މުޅި ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ޙާލަތު ދައްކުވައިދޭ ރިޕޯޓެއް އެކުލަވާލުމާއި، ރަށްރަށުގައި ކުނި މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާނެ މަޢުލޫމާތުތައް މަހާސިންތާގެ ބައިވެރިންނަށް އެނިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރަށް މަހާސިންތާގެ ހަވާސާގެ އިވެންޓެއްގެ ގޮތުން މިއަހަރުގެ ޖެނުއަރީމަހު ބޭއްވެވި ތްރީއާރު ފޯރަމްއިން ނިންމާފައިވާ ކަންތައްތަކުގެ ފޮލޯއަޕެއް ހެދުމާއި، ކޮރެއާ ސަރުކާރާ ގުޅިގެން ތައްޔާރުކުރައްވާ މާލޭގެ ކުނި މެނޭޖްކުރާނެގޮތުގެ ޕްލޭން ފައިނަލް ކުރެވިގެންދާނެކަމަށް އާމިރު ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، ސާފު ރާއްޖެ ޤައުމީ މަހާސިންތާގައި ކުނި މެނޭޖްކުރުމާބެހޭ މަޢުލޫމާތު ޙިއްޞާކުރުމާއި، މިހާރު ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތްކުރަމުންދާ ރަށްރަށުގެ ތަޖުރިބާ ޙިއްޞާ ކުރެއްވުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. މިމަހާސިންތާގައި ލޯކަލް ކައުންސިލްތަކާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި އަމިއްލަ ޖަމްޢިއްޔާތައް ބައިވެރިކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.