ކ.ހުރާގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް ޝުކުރު ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުރައަށް ކުރެއްވި ދަތުރުފުޅުގައި ހުރާ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މިއަދު ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ފިޔަވަޅުތަކަށް ތަޢުރީފުކުރައްވައި، އެފަދަ ކަންކަމަކީ " ކޮންމެ ކޮންމެ ފަރާތަކަށް ކުރަން ކެރޭނެކަމެއް ނޫން" ކަން ފާހަގަކުރައްވާފައެވެ. އަދި ހުރާގެ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ އޭ.ޓީ.އެމްގެ މައްސަލައަށް ސަރުކާރުން ހައްލު ހޯއްދަވައިދެއްވިކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. މީގެއިތުރުން ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދިޔުމާއި ހުރާގެ ރައްޔިތުން ބޭނުންވާ ގޮތަށް ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދެވީތީވެސް ހުރާ ކައުންސިލުން ޝުކުރު އަދާކުރެއްވިއެވެ.
ކައުންސިލުން ވަނީ ޞިއްޙީ މަރުކަޒުން ސްކޭންގެ ޚިދުމަތް ލިބުމަށް ރައްޔިތުން އެދިވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކަށް ގޯލްޑް ކަޕް މުބާރާތް ކުޅެވޭނެގޮތް ހައްދަވައިދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ރަށުގެ ސުކޫލު ތަރައްޤީކުރުމަށް ބޭނުންވާ ކަންކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ. އަދި އެކި ރަށްރަށުގެ އ.ތ.މ ކޮމިޓީތައް ބައްދަލުވެލައި، އެއްބަޔަކު އަނެއް ބަޔެއްގެ މަސައްކަތްތައް ޙިއްޞާކުރެވޭނެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ވިދާޅުވި ކަންކަމަށް ރަނގަޅު ހައްލެއް ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.